މިއަހަރު ރަމަޟާންމަހު، ސައުދީ އަރަބިޔާގެ އެއްވެސް މިސްކިތެއްގައި ރޯދަވީއްލުން ނުބާއްވަން އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ނިންމައިފިއެވެ.

ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނީ މިއަހަރު މިސްކިތުގައި ރޯދަވީއްލުން ނުބޭއްވުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ މިސްކިތްތައް ސާފުތާހިރުކޮށް ބެހެއްޓުންކަމަށެވެ. އެހެންކަމުން އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ، މީހުން އަތުން ފައިސާ ނަގައިގެން މިސްކިތުގައި ރޯދަ ވީއްލުމުގެ އިންތިޒާމުތައް މިއަހަރު ކުރިޔަށް ނުގެންދިއުމަށް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވަނީ މިސްކިތްތެރޭގައި ރޯދަވީއްލުމުގެ ކަންތައްތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މިސްކިތާއި ކައިރި ހިސާބެއްގައި ޓެންޓުފަދަ އެއްޗެހި ޖަހައިގެން، އެކަމަށް ހާއްސަ ސަރަހައްދެއްގައި ރޯދަ ވީއްލުން ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައެވެ.

ސައުދީގައި ރޯމަޟާން މަހު މިސްކިތްތަކުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާ އާންމުކޮށްފައިވާއިރު، މިއަހަރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށް، ވީޑިއޯކޮށް، އެކިއެކި މީޑިއާތަކުން ބްރޯޑްކާސްޓްކުރުންވެސް ވަނީ މަނާކޮށްފައެވެ. އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ މި ގޮތަށް ނިންމީ އެކަމަކުގެ ސަބަބުން އިމާމުންނަށް އަޅުކަމަށްދެވޭ ސަމާލުކަން ކުޑަވެދާނެކަމަށް ބެލުމަށްފަހުކަމަށެވެ.