އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ކުޅުދުއްފުށި ސިޓީއިން ބަލިމީހަކު މާލެ ގެނެސްފިއެވެ.

އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށި ސިޓީއިން މާލެއަށް ބަލި މީހަކު ގެނެސްފައިވާއިރު އެ ދަތުރު ފަށާފައިވަނީ ރޭ މެންދަމު 2:25 ހާއިރެވެ. އަދި ބަލިމީހާ ގޮވައިގެން އެއާ އެމްބިއުލާންސް އައިސްފައިވަނީ ރޭ މެންދަމު 3:20 ހާއިރުއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން ކަމަށްވާއިރު އެއާޕޯޓް ހިމެނޭ ސަރަހައްތަކަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ އެކަމަށް ހާއްސަކޮށްގެން ބަދަލުތަކެއް ގެނެސްފައިވާ ޑޭޝް-8 ގެ ބޯޓެއްގައެވެ.

އެއާ އެންބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާ އެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.