ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ބޭނުންކުރަން ފެށި އެއާ އެމްބިއުލާންސަށް އާންމުންގެ ގިނަ ބަޔަކު ކިޔަމުން ދިޔަ ފާޑުކިޔުންތަކަށް ރައްދު ދީ، އެއީ ރައްކާތެރި އެއާ އެމްބިއުލާންސްތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސުލޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް މިއަދު އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ވަނީ ފަށާފައެވެ. އެގޮތުން އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އޭގެ ތެރެއިން ޑޭޝް8 މަރުކާގެ މަތިންދާ ބޯޓަކީ 2016 ވަަނ އަހަރު ރާއްޖެއަށް އތެރެ ކުރި ބޯޓެއް ކަމުގައި ވިޔަސް އެ ބޯޓަށް ވަނީ އިމަޖެންސީ ހާލަތުގައި ބަލިމީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެހާ ދުވަސްވެފައިވާ ބޯޓުތަކެއް މޯލްޑިވިއަން އިން ވެސް ޑޭޝް8 މަރުކާގެ ކުރިން ބޭނުން ކުރި ފްލީޓް އެއްކޮށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އެއާ އެމްބިއުލާންސަށް ބަދަލު ކުރުމުގައި މޯލްޑިވިއނަްގެ ކުރިޣެ ފްލީޓް ބޭނުން ކުރާތީ އާންމުންގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެ ގޮތުން އެހާ ދުވަސްވެފައި ހުރި އުޅަނދުތަކެއް ބޭރުފުށުން ރީތިކޮށްލާފައި ދެއްކިއަސް ބަލި މީހަކު އުފުލަން އެއީ ރައްކާތެރިވާނެ އުޅަންދެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަނުން އެއާލައިނުން ބުނީ، އެއާ އެންބިއުލާންސަށް ބަދަލުކުރުމަށް ބޯޓަށް ބަދަލު ގެނައުމުގެ ކުރިން އެއީ ޝެޑިއުލް ދަތުރުތައް ކުރަމުން އައި ބޯޓެއް ކަމަށެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކޮށްފައި ވާނީ އެމަޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމަންޓްތަކާ ވެސް އެކުގައި ކަމަށް އެ އެއާލައިނުން ބުނެއެވެ. އަދި މަތިންދާ ބޯޓު ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށް ކަން ޔަގީންކޮށްދޭ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އެއާ އެންބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާ އެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.