ގާޒާގެ ރަޝީދު ސްޓްރީޓުގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖަހާ 104 މީހަކު ޝަހީދުކޮށްލުން ކުށްވެރިކޮށް އިޒްރޭލުން ހިންގަމުންދަ ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ހަތިޔާރު ނެތް ފަލަސްތީނުގެ އާންމުންނަށް އިޒްރޭލުގެ ހަތިޔާރު އެޅު ސިފައިން ދިން ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށީ އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ކުށެއް ނެތް ސަތޭކައަށް ވުރެ ގިނަ ބަޔަކު ޝަހީދުކޮށް އެތައް ސަތޭކަ ބަޔަކު ޒަހަމްކޮށްލި އެ އަނިޔާވެރި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެއެވެ.

އެގޮތުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ވަނީ މި ބަޔާނުގައި ވެސް ތަކުރާރު ކުރައްވާފައެވެ. އަދި އެކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް އަދި ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއި އެކުގައި ކަމަށާއި، މި ސަރަހައްދުގައި އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ހާދިސާގެ މަންޒަރުތައް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތަކުގައި އާންމު ކޮށްފައި ވާ އިރު, ކާބޯތަކެތި ހޯދަން ރަޝީދު ސްޓްރީޓުގެ ހަތަރު އަނގޮޅީގައި ގިނަ ބަޔަކު އެއްވެ ތިބި ވަގުތު އިޒްރޭލު ސިފައިން ބަޑިޖަހަން ފެށިއެވެ. އެއެއް މިއެއް ނުބަލައި ބަޑިޖަހަމުން ދިޔަ އިރު މިއީ ސީދާ ގަތުލުއާންމެއް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާ ފުރަތަމަ ދިނީ އިއްޔެ 4:30 ހާ އިރުއެވެ. މި ހާދިސާގައި 104 މީހަކު ޝަހީދުވި އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 760 އަށް އަރާފައެވެ.