ޔޫކްރައިން އަށް ހުޅަނގުން ދީފައިވާ ދުރުރާސްތާ ކްރޫޒު މިސައިލް ސިސްޓަމް އޮޕަރޭޓު ކުރަން ފްރާންސާއި ޖަރުމަނުގެ ސިފައިން ހަރަކާތްތެރިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް, ޔޫކްރައިނަށް ސިފައިން ނުފޮނުވާނެ ކަމަށް ފަރާންސަށް ބުނަން ނުކެރުނު މައްސަލައިގައި ޕުޓިން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ދެ ހަފްތާ ފަހުން ރަޝިއާގައި އޮންނަ އިންތިހާބާ ދިމާކޮށް ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ, އޮޅިގެންވެސް ޔޫކްރައިނަށް ހުޅަނގުގެ އަސްކަރީ ސިފައިން ނުވަނުމަށާއި އެކަން އެގޮތަށް ކޮށްފިނަމަ ނަތީޖާ ގޯސްވާނެ ކަމަށެވެ. ޕުޓިން ވިދާޅުވީ, ޔޫކްރައިނަށް ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ހުޅަނގުން ބުނާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެއްވެސް ގައުމަކުން ޔޫކްރައިނާ ބައިވެރިވާން އެގައުމަށް ވަދެއްޖެ ނަމަ އަންދާޒާވެސް ކުރަން ނޭނގޭ ހާލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ކަލޭމެންގެ ކޮންމެ މަގާމަކަށް ފޯރާ ވަރުގެ އެއްޗެހި އަހަރެމެންގެ އަތުގައި ހުރިކަން ކަލޭމެނަށް ވެސް އިނގެންޖެހޭނެ, ގޯސް ނަހަދާ, ޔޫކްރައިނާ ބައިވެރިވާން ކުރާ ކޮންމެ ކަމަކީ [ސިފައިން ފޮނުވުން] އަސްލު ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ހާލަތެއް, އެކަމުން ނެތި ފަނާވެ ދާނީ ނަސްލުތައް"
ޔޫކްރައިން ހަނގުރާމަ 3 ވަނަ އަހަރަކަށް ފެށިފައި ވާ އިރު ނޭޓޯ އާއި އެމެރިކާއިން ވާހަކަތައް އާކޮށް ޔޫކްރައިންނަށް އެއްގަމު މަގުން އެހީތެރިކަން ދިނުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.
ދެފަރާތުން ކުރެ ފަރާތަކަށް ހަނގުރާމައިގައި މާބޮޑު ކުރިއެރުމެއް ލިބެމުން ނުދިޔަ ނަމަވެސް ރަޝިއާއިން ދަނީ މަޑުމަޑުން ކުރިއަށް ޖެހި ޔޫކްރައިންގެ ބައެއް އަވަށްތައް ހިފަމުންނެވެ. އެގޮތުން އެންމެ ފަހުން ހިފި އަވަށަކީ އަވްދިވްކާ އެވެ.
ޔޫކްރައިން ބުނާގޮތުގައި, އެގައުމަށް މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަރަށް ހަތިޔާރު ނެތުމެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިއާގެ 3 މަތިންދާބޯޓު ވައްޓާލައި ރަޝިއާގެ ޑިނިޕްރޯ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ ތެރެއިން 45 މީހަކު ވަނީ މަރާލާފައެވެ.
މިވާހަކަތަކަށް ރަޝިއާއިން ރައްދު ދިނީ, ފާއިތުވި 24 ގަޑިއުރުގެ ތެރޭގައި އެގައުމުން ޔޫކްރައިންގެ 1300 ސިފައިން މަރާލާފައި ވާ ކަމަށް ބުނެއެވެ.
ދެފަރާތުން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ބަދަލުކުރަމުން ގެންދާ އިރު, ރަޝިއާއިން ޔޫކްރައިންގެ ޒެޕްރޯޒިއާއަށް ދިން ހަމަލާތަކެއްގައި އާންމުންގެ ބަޔަކުވެސް މިއަދު ވަނީ މަރުވެފައެވެ. އަދި ބަކްމޫތުންވެސް 2 މީހަކު މަރުވި ކަމަށް ޔޫކްރައިން ސަރުކާރުން ވަނީ ބުނެފައެވެ.
ހަނގުރާމަ އިތުރުރަށް ހޫނުވާތަން ފެންނަމުން ދާ އިރު މިއަދު އީޔޫ އިން ވަނީ އީޔޫގައި ހުރި ހުރިހާ ބާރެއް ޔޫކްރައިން އަށް ދިނުމަށް ފާސްކޮށްފައެވެ. މިއަދު ފާސްކުރި ގަރާރުގައި ބުނީ, ޔޫކްރައިން އިން ކާމިޔާބު ހޯދުމަށްޓަކައި ދޭން ޖެހޭ ހުރިހާ ސަޕޯޓެއް ދިނުމަށެވެ.
ހުޅަނގުން ޔޫކްރައިން އަށް ވަދެއްޖެ ނަމަ ނިއުކްލި ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ޕުޓިން ކުރެއްވި މައްސަލައިގައި ނޭޓޯއާއި ޔޫރަޕުގެ ވެރިން ދަނީ ގަދަބަސް ބުނެ ޕުޓިން ދެއްކެވި ވާހަކަތައް ސީރިއަށް ކޮށް ނަގަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ޕުޓިން ދެއްކެވި ވާހަކައިން ދޭހަވަނީ ހަތިޔާރުގެ ވާދަވެރިކަމުގެ އިތުރުން މުޅި ދުނިޔެއަށް ވެސް ޕުޓިންގެ ނުރައްކާ އޮތް ކަމަށާއި ރަޝިއާ ބަލިކުރުމަށް މަޖުބޫރުވާ ކަމަށެވެ.
އެހެން ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން, ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދިނުމުގައި ބޭނުން ކުރާ ބައެއް މިސައިލް އަކީ އުތުރު ކޮރެއާގެ އުފެއްދުން ކަމަށާއި އޭގައި ބޭނުން ކޮށްފައި ހުރި ބައެއް އިލްކެޓްރޯނިކް ބައިތަކަކީ ޔޫރަޕާއި ޖަޕާނާއި އަދި ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް ކަމަށް ޔޫކްރައިންގެ އިދާރާތަކާ ހަވާލާދީ ބުނެފައި ވެއެވެ. މި ވާހަކަތަކާއެކު ޔޫރަޕުން ޗައިނާ އާއި އިންޑިއާގެ ބައެއް ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަންވެސް ވަނީ އިއުލާން ކޮށްފައެވެ. އެ ފިޔަވަޅުތަކާ އެކު އީޔޫ އިން ބުނީ, އެ ގައުމުތަކުގެ ބައެއް ކުންފުނިތަކުގެ އިތުރުން އީރާން, ސީރިއާގެ ފަރާތްތަކެއް ވެސް ހިމެނޭ ކަމަށާއި އެ ފަރާތްތަކަކީ އަސްކަރީ ގޮތުން ރަޝިއާ އަށް އެހީތެރިކަން ފޯރުކޮށްދޭކަން އެނގިފައިވާ ފަރާތްތަކެއް ކަމަށެވެ.
ޕުޓިން ދެއްވި އެޑްރެސް [ހިތޯބުގައި] ޖީ7 ގެ ގައުމުތަކަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައި ވެއެވެ. ޕުޓިން ވިދާޅުވީ ޖީ7 އިން ރަޝިއާ އެކަހެރި ކުރުމަށް ކުރަމުން ދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި ކުރިއަށް އޮތް ކައިރި މުސަތަގުބަލެއްގައި ރަޝިއާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 4 އިގުތިސޯދުން 1 އިގްތިސޯދަށް ވާނެ ކަމަށެވެ. ހިސާބުތައް ދައްކާގޮތުން 2023 ނިމުނު އިރު ރަޝިއާގެ އިގުތިސޯދީ ކުރިއެރުން ހުރީ 3 ޕަސެންޓުގައެވެ. ޕުޓިން ވިދާޅުވީ, 2030 އަންނަ އިރު އެގައުމުގެ އިގުތިސޯދު ކުރިއަރާ ގައުމުގެ އާންމު ރައްޔިތުންގެ މިނިމަމް ވޭޖް [އެންމެ ކުޑަ މުސާރަ] ވެސް ދެގުނަ ކުރައްވާނެ ކަމަށެވެ. އެއީ ބޮލަކަށް 384 އެމެރިކާ ޑޮލަރެވެ.
އަދި ގައުމުގެ ރައްޔިތުންގެ އުމުރު [ލައިފް އެކްސްޕެކްޓެންސީ] ވެސް މަތިވެގެން ދާނެ ކަމަށާއި އެވްރެޖް އަކަށް ވަނީ 87 އަހަރުކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޕުޓިން އިތުރަށް ވިދާޅުވީ އަސްކަރީ ގޮތުން ގައުމު ވަރުގަދަ ކޮށް ނޭޓޯ މެންބަރު ގައުމުތަކާ ކައިރީގައި ރަޝިއާގެ އިމުގައި ހިންގާ އަސްކަރީ ހަރަކާތްތައް ފުޅާ ކުރައްވާ ވަރުގަދަ ކުރައްވާނެ ކަމަށާއި ރަޝިއާ ކުރިއަރާދާނީ ހައިބަތާއެކު ވަރުގަދަ ކޮށް ކަމަށެވެ. ޕުޓިން އެ އިޝާރާތް ކުރެއްވި ނޭޓޯ ގައުމުތަކަކީ ނޭޓޯ އާ އަލަށް ގުޅޭ ރަޝިއާ އާ އިންވެގެން އޮންނަ ސްވިޑަން އާއި ފިންލޭންޑްގެ ވާހަކައެވެ.