ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިންނާއެކު އެއާ އެމްބިއުލަންސްގެ ހިދުމަތް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ވަނީ ބޯޓުގައި މެޑިކަލް އިމަޖެންސީގެ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތައް ގާއިމު ކުރެވިފައި ވާނެ ކަމަށް ބުނެފައެވެ. އަދި ތަމްރީނު ކޮށްފައިވާ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ވެސް ހަރަކާތްތެރި ވާނެ ކަމަށް ވަނީ ބުނެފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށާފައި ވާއިރު އެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 2 ބޯޓު ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ. އެއީ އެއާޕޯޓް ތަކަށް ޖައްސާ ޑޭޝް-8ގެ މަތިންދާބޯޓެއްގެ އިތުރުން ސީ ޕްލޭނެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސީޕްލޭނެއް ބޭނުން ކުރުމުން އެއާޕޯޓް ނެތް އަދި އެއާޕޯޓާ ދުރު ރަށްރަށުގެ ބަލި މީހުން އުފުލަން ޖެހޭ ހާލަތްތަކުގައި އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
އެމަޖެންސީ ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސް އިން ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ. އެގޮތުން އޮކްސިޖަން އަދި އެމަޖެންސީގައި ދޭން ޖެހޭ އިންޖެކްޝަން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.