ނ. ހޮޅުދޫގެ ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށާއި، ބިން ހިއްކާނެ ކަމަށާއި ސުކޫލު ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށާއި، މިހާރު ކުރިޔަށްދާ ބަނދަރުގެ މަސައްކަތްވެސް ކުރިޔަށްދާނީ ރައްޔިތުން ގެންނަންބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަސައްކަތްކުރިޔަށްދާއިރު ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކާނެކަމަށާއި، މިހާރު ފެށިފައިވާ މަގުހެދުމުގެ މަޝްރޫއަށް މަގުތަކެއް އިތުރު ކުރާނެކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ ނުނިމި ގިނަދުވަސްވެފައިވާ ފެނުގެ މަޝްރޫވެސް ނިންމަވައިދެއްވާނެކަމަށެވެ.

ހޮޅުދޫގެ މޭނާ ސުކޫލަކީ 75 އަހަރަށްވުރެ ދުވަސްވީ ފަހުރުވެރި މާޒީއެއް އޮތް ސްކޫލެއްކަން ފާހަގަކުރައްވައި ސްކޫލުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫ ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭގޮތަށް މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭގޮތަށް ޔުނިވަސިޓީގެ ކެންޕަހެއް ދަނާލަކާއެކު ހޮޅުދޫގައި ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.