ޗައިނާގެ ޝެންގްހައި ގައި ވިހޭ ކުއްޖަކު އުމުރުން 1 އަހަރު ވީ އިރުވެސް އެކަށީގެންވާ ގޮތަށް ބޮޑު ނުވާތީ އާއި އޭނާގެ ބޯ އާދަޔާ ހިލާފަށް ބޮޑު ވެފައި ހުރުމުން ހެދި ސްކޭނުން ފެނުނީ, ސިކުނޑީގައި އޭނާއާ އެއްމާބަނޑު ކޮއްކޮ ދިރިއޮއްވައެވެ.
މެޑިކަލް ސައިންސްގެ ދާއިރާގައި ވަރަށް މަދުން ނޫނީ ފާހަގަވެފައި ނެތް މިހާދިސާއަށް ކިޔަނީ, ފީޓަސް-އިން-ފިޓޫ އެވެ.
މިފަދަ އާދަޔާ ހިލާފު ހާދިސާތައް ރިޕޯޓު ކުރާ ނިއުރޮލޮޖީ ޖާނަލްގައި ބުނެފައި ވަނީ, މި ހާލަތަކީ, މައިމީހާގެ ރަހިމުގައި ޓްވިންސް އަށަގަންނަ އިރު ދަރިފަނީގެ ދެފަނި ވަކި ނުވެ އެއްވުމުން ދިމާވާ ހާލަތެއް ކަމަށާއި, މި ފެނުނު ކޭސްގައި އެއް ކުއްޖަކު އަށަގެންފައި ވަނީ އަނެއް ކުއްޖާގެ ސިކުނޑިތެރޭގައި ކަމަށެވެ.
ގުދުރަތީ ނިޒާމުގެ ފުރިހަމަ ކަމުން, 1 އަހަރުގެ ކުއްޖާގެ ސިނކުނޑީގައި އޮތް އަނެއް ކުއްޖާ އަށް ބޭނުންވާ ލޭ ލިބެމުން ދިޔުމުގެ ސަބަބުން ދިރި އޮތް ނަމަވެސް ބޮޑުނުވާކަމަށް ޖާނަލްގައި ބުނެފައި ވެއެވެ.
އެ ކުއްޖާގެ ސިކުނޑީގައި އިތުރު ކުއްޖަކު އޮތްކަން ފާހަގަ ވީ, އެ ކުއްޖާއަށް ދިމާވަމުން ދިޔަ ސިއްހީ ހާލަތާ ގުޅިގެން ސިއްހީ ފަރުވާއަށް ގޮސް ހެދި ސްކޭންތަކުންނެވެ. މި ސްކޭންތަކުގެ ކޮޕީތައް ވެސް ހާމަ ކޮށްފައި ވާ އިރު ސިކުނޑީގެ ތެރޭގައި އަނެއް ކުއްޖާ އޮތްތަން ފެނެއެވެ.
އަދި ސާޖަރީއަކަށް ފަހު އެ ފީޓަސް ނަގާފައި ވާ ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ. ފެންނަ ފެނުމަށް އަތާއި މޫނުގެ ބައްޓަން ވަނީ އުފެދިފައެވެ.
ފީޓަސް-އިން-ފިޓޫގެ މިކޭސް އަކީ އާދަޔާ ހިލާފު ކޭސް އެއް ނަމަވެސް މިފަދަ އިތުރު ކޭސްތައް މީގެ ކުރިންވެސް ފެނިފައި ވެއެވެ. އެގޮތުން އުމުރުން 16 އަހަރުގެ ފިހެން ކުއްޖެއްގެ ބަނޑުގައި އޭނާގެ ޓްވިން އުފެދިފައި ވަނިކޮށް 1997 ގައި ފެނިފައި ވެއެވެ. ހަމަ އެހެންމެ 21 މަހުގެ ކުއްޖެއްގެ ބަނޑުގައި 8 ބިސް އޮއްވާ ފެނި 2022 ވަނަ އަހަރު އޮޕަރޭޝަނެއް ކޮށް ނެގި ހާދިސާއެއް އިންޑިއާގެ ޖަރުހާންދުގައި ވެސް ހިނގާފައި ވެއެވެ.