ކެންސަރު ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރު އަނާން ޝަފީއު، އަވަހާރަ ވެއްޖެއެވެ.

ޑރ. އަނާން އަވަހާރަވެފައި ވަނީ އަވަށްޓެރި ސްރީލަންކާގައި އިއްޔެގެ ވަގުތެއްގައެވެ. އޭނާ މަސައްކަތް ކުރައްވަމުން ދިޔައީ އައިޖީއެމްއެޗުގެ އޮންކޮލޮޖިސްޓް ސެންޓަރުގަ އެވެ. އަނާން ނިޔާވީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް އެނގިފައި ނުވެއެވެ.

އަނާން އާއެކު މަސައްކަތް ކުރި ބައެއް ޑޮކްޓަރުންނާއި އޭނާގެ ގާތް އެކުވެރިން ސިފަ ކުރާ ގޮތުގައި އޭނާއަކީ އެންމެންނާވެސް ގުޅޭ އަދި އެހާމެ ހިތްހެޔޮ މީހެކެވެ. އެގޮތުން އޮންކޮލޮޖިސްޓް ޑރ.މުހައްމަދު ޝިފާން ވިދާޅުވީ އަނާން އަކީ ހަމައެކަނި ޑޮކްޓަރެއް ނޫން ކަމަށެވެ.

އެގޮތުން އަނާންއާ ބައްދަލުވި ކޮންމެ ބަލި މީހަކަށްވެސް ރަހުމަތްތެރިކަމާއެކު އުންމީދު ދެއްވާ ކަމަށާއި އޭނާ އަކީ އޯގާތެރިކަން އިސްކުރެއްވި ޑޮކްޓަރެއް ކަމަށް ޝިފާން ވިދާޅުވިއެވެ. އުމުރުން 28 އަހަރުގެ އަނާންގެ ކުއްލި ވަކިވުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

"އެއީ ހަމައެކަނި މޮޅު ޑޮކްޓަރެއް ނޫން. އޭނާއާ ބައްދަލުވި ކޮންމެ ބަލި މީހަކަށް ވެސް އުއްމީދެއް ގެނެސްދޭ، ބައްދަލުވި ކޮންމެ މީހަކަށް ވެސް ރަހުމު ކުރެއްވި މީހެއް،" ޑރ. ޝިފާން ވިދާޅުވިއެވެ.

މިދިޔަ މެއި މަހު އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އައިމިނަތު ރަމްޝާވެސް ވަނީ އަވަހާރަވެފައެވެ. ރަމްޝާ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއްގައި ކެންސަރު ބަލީގައި އެޅެއްވުމަށްފަހުއެވެ. ކެންސަރަށް އިތުރު ފަރުވާ ހޯއްދެއްވުމަށް 2020 ވަނަ އަހަރު ޑރ. ރަމްޝާ ތައިލެންޑަށް ދިރިއުޅުން ބަދަލު ކުރެއްވިއެވެ. ކެންސަރު ބަލީގައި އަވަހާރަ ވީ ތައިލެންޑުގައި އިންނަވަނިކޮށެވެ.