ކޮވިޑުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން، އެ ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ ރާއްޖެއަށް 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން ނިންމައި އެކަން އަންގައިފިއެވެ.
މި ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރީ އެޕްރީލް 2020 ވަނަ އަހަރުއެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ވަނީ 30 މިލިއަން ރުފިޔާ ދައްކާފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށައެޅީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާބިޓްރޭޝަންގެ ރޫލިން ނުވަތަ ހުކުމް ނެރެފައިވާ ކަމަށެވެ. އެ ބަޔާނުގައި ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށާއި އަދި މެއި 2021 ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2 ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން އަންގާފައެވެ.
މީގެއިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށާއި އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު (2 މިލިއަން ރުފިޔާ) އެ ކުންފުނީގެ އަތުން ހޯދުމަށްވެސް އާބިޓްރޭޝަނުން ނިންމާފައިވާ ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނާ ހަމައަށް ދާން ޖެހުނީ ފައިސާ ދައްކަން އެ ކުންފުންޏަށް ތަކުރާރުކޮށް ފުރުުސަތުތަކަށް ދިން ނަމަވެސް އިޖާބަނުދިނުމުންނެވެ.