މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އާބިޓްރޭޝަން މައްސަލަތައް ހުށަހެޅޭ ގޮތަށް އެމްއައިއޭސީގެ ހިދުމަތްތައް ފޯރުކޮށް ދޭ ސެންޓަރު ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ކްރޮސްރޯޑްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސެންޓަރު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވިޔަފާރިއެއް ކުރިއަރާ ތަރައްގީ ވާނީ ވިޔަފާރީގެ މައިދާނުގައި ދިމާވާ ހުރިހާ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭ ފަދަ ނިޒާމެއް އިންތިޒާމް ކޮށްގެން ކަމަށެވެ. ޝަރުއީ ނިޒާމްގެ އިތުރުން ގާނޫނީ ރައްކާތެރި ކަމަށް ހިމާޔަތް ލިބޭ ގޮތަށް ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނާނެ ފަދަ ފުރުސަތުތައް ހުޅުވައިލައިގެން ކަމަށެވެ.

"އަދި ވަކިން ހާއްސަކޮށް އާބިޓްރޭޝަނާއި އާބިޓްރޭޝަން ގާނޫނުން ހައިކޯޓަށް މަތިކޮށްފައި ހުރި ކަންތައްތަކަށް ބަލާއިރު ހައިކޯޓުގެ ފަނޑިޔާރުން މިކަންކަން ދިރާސާ ކުރައްވާ ބައްލަވާ ދަސްކުރައްވަން ވެސް ޖެހޭނެ،"
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން

އެގޮތުން މިހާރު ރާއްޖޭގެ ވިޔަފާރިތަކަށް ބަލާއިރު، އާބިޓްރޭޝަން ސެންޓަރެއް ގާއިމް ވެފައި ހުރުމަކީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. ހމައެއާއެކު މި ނިޒާމުގެ ތެރެއިން ކޯޓުތަކާއި އާބިޓްރޭޝަން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ އާބިޓްރޭޝަންގެ ފައިދާއެއް ނުކުރާނެ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއައިއޭސީގެ ޗެއާޕާސަން މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވީ، 2013 ވަނަ އަހަރު އާބިޓްރޭޝަންގެ ގާނޫނު ވުޖޫދަށް އައި ނަމަވެސް އޭގެ ފަހުން އައި ފަސް އަހަރު މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ނަމަވެސް ބޮޑެތި ގޮންޖެހުންތަކަކާ އެކީ 2019 ވަނަ އަހަރު އަނެއްކާ ވެސް މަސައްކަތް ފަށައިގަނެވުނު ކަމަށެވެ.

އެގޮތުން މިވަގުތު ތަމްރީނު ލިބިފައިވާ ދިވެހި އާބިޓްރޭޓަރުން އެ ސެންޓަރުގައި ނެތް ނަމަވެސް 220 ދިވެހިންނަށް މިހާރު ތަމްރީނު ދެމުން އަންނަ ކަމަށް ޝަހުދީ ވިދާޅުވިއެވެ. ތަމްރީނުތަކަށް ފަހު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެމީހުން ވެގެންދާނީ ރާއްޖޭގައި އަދި އިންޓަނޭޝަނަލް ސެންޓަރުތަކުގައި ވެސް ވަކާލާތު ކުރެވޭ ފަދަ އާބިޓެރޭޓަރުންނަށް ކަމަށް ޝަހުދީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ބޭރުގެ ކޮންސަލްޓެންޓުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.