ކޮވިޑް 19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ދޫކުރި ފައިސާ ހޯދުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ވެންޓިލޭޓަރުތައް ހޯދަން ވި އެއްބަސްވުން ބާތިލުކޮށް، އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް 2021 ވަނަ އަހަރު ސަރުކާރުން ވަނީ ނިންމާފައެވެ.

އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު ހުށަހަޅާ، އެޓާނީ ޖެނެރަލް އޮފީހުން ބުނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭގޮތުން އެޕްރީލް 2، 2020 ވަނަ ދުވަހު ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއި ދިވެހި ސަރުކާރުގެ ފަރާތުން ހެލްތް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިލާފުވެފައިވާތީ އެ މައްސަލަ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.6 މިލިއަން ދިވެހި ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރުގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދައިދޭން އެދިފައެވެ.

އިތުރަށް އެޓާނީ ޖެނެރަލް އޮފީހުން ބުނީ އާބިޓަރޭޝަނަށް ހުށަހެޅި އެ މައްސަލައާ ގުޅޭ ހުރިހާ ސިއްރެއް ހިފަހެއްޓުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުވާނެ ކަމެއް ކަމަށެވެ.