ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރުމުން އެ ތަސްދީގުނުކޮށް ހިފަހައްޓާފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމިން، ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ 'ދަ ފްރޮންޓް' އޮފީހުގައި ބޭއްވި ޖަލްސާގައި ޔަމީން. މަޖިލިސް އިންތިހާބު މާޗް 17 ވަނަ ދުވަހު ބާއްވަން އީސީން ނިންމާފައި ވަނިކޮށް، އެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އިންތިހާބާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވާފައި ނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ގޮތުން ޔާމީން ވިދާޅުވީ މި ސަރުކާރުގައި ފެންނަމުން މިދަނީ ވެރިކަމުގެ އެއްބާރު އަނެއް ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރުމުން އެ ތަސްދީގުނުކޮށް ހިފަހައްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަދަބަސް ވިދާޅުވާ މަންޒަރު ފެނިވަޑައިގަންނަވާކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މަޖިލީހުން ރައްޔިތުންގެ ފައިދާއަށް ކަންކަން ކުރުމުން އެކަމަށް އިހުތިރާޟު ކުރުމަކީ ވެރިޔަކަށް ހުންނަ މީހާގެ ޒިންމާއެއްކަމުގައި ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވަނީ ރައީސްގެ މި ނިންމުމުގައި އިލެކްޝަން ކޮމިޝަނުންވެސް ނޭނގޭ ކަމަށް ހެދިގެން އޮވެ ބައިވެރިވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މިއީ ސަރުކާރުން ހިންގާ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ޔާމީން ވަނީ އިލެކްޝަން ކޮމިޝަން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ރައީސް ތަސްދީގުކުރައްވާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އެމްޑީޕީއިންވެސް ކަންބޮޑުވުންފާޅުކުރަމުން އަންނައިރު އެ ޕާޓީން ވަނީ ރައީސް އެ ބިލު ތަސްދީގު ނުކުރައްވައިފި ނަމަ ދެވަނަ ފަހަރަށް ވެސް ބިލު ފާސްކޮށް ތަސްދީގު ކުރަން ފޮނުވާނެކަމަށް ބުނެފައެވެ.