މުރައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން ބަޖެޓުގައި އެވަރަށް ފައިސާ ހިމަނާފައިނެތުމުންކަމަށާއި، ވަރަށް އަވަހަށް އެކަން ހައްލުކޮށްދީ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައީސްގެ ޖަވާބު" ސިލްސިލާގައި ހއ. މުރައިދޫ، އަންގޫރުމާގޭ، ހަސަން ރިޔާޝް އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ ދިމާވާ ދަތިތައް ހާމަކޮށް އެކަން ހައްލުކޮށްދެއްވުމަށް ރައީސަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން ބަޖެޓުގައި އެވަރަށް ފައިސާ ހިމަނާފައިނެތުމުންކަމަށާއި މިއީ މީގެ ކުރިން ދުވަހަކުވެސް މަޖިލީހުން އަމަލުކޮށްފައިވާ އުސޫލު ނޫންކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އޮން ގޮއިން މަޝްރޫއެއް ނަމަ އެ މަޝްރޫ ނިންމޭނެ ވަރަށް ބަޖެޓުގައި ފައިސާ ހިމަނަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން މަޖިލީހުން ބައެއް މަޝްރޫތަކަށް އެންމެ ބިލެއް ދެއްކޭވަރަށް ވެސް ބަޖެޓު ފާސްކޮށްފައި ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި ދުވަހަކުވެސް މަޖިލީހުން އަމަލުކޮށްފައިވާ އުސޫލެއް ނޫންކަމަށާއި މިއީ ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް ރައްޔިތުން އެދޭފަދަ ގޮތަކަށް ވީހާވެސް އަވަހަކަށް ނިންމަވައިދޭނެ ކަމަށެވެ.