ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަވަމުން ވިދާޅުވީ، ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކި ބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ދައުވާ އުފުލި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް ވާތީ، އެއީ ވެސް ބުރަދަން ދެވޭނެ ހެއްކެއް ގޮތުގައި ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. އެގޮތުން މި ހަތް މީހުންނަކީ އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނާއި މަރާލުމުގެ ދައުވާ އުފުލި ތިން މީހުންނެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.
އަނަސްގެ މަރުގެ މައްސަލައިގައި މަާލުމުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ޖުވެނަލް ކޯޓުގައެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހައި ކޯޓުން މި މައްސަލަ ބެލުމަށް ފަހު ވަނީ އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މީނާގެ އަދަބު ވަނީ މިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގައި 10 އަހަރަށް ލުއިކޮށްދީފައެވެ.