"މި ވުޒާރާގެ ތެރެއިން" ނަމުގައި ޖެންޑާ މިނިސްޓްރީ އިން ސިލްސިލާ ވީޑިއޯތަކެއް ގެނެސްދޭން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އެ މިނިސްޓްރީގެ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ "މި ވުޒާރާގެ ތެރެއިން" މި ނަމުގައި ފަށާ ސިލްސިލާ ވީޑިއޯތަކުގެ ބޭނުމަކީ އެ މިނިސްޓްރީއަކީ ކޮން ބައެއްކަން އަދި އެ މިނިސްޓްރީ އިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ކޮބައިކަން އާންމުންނާ ހިއްސާކުރުން ކަމަށެވެ.

އެ ވީޑިއޯތަކުގެ މަގްސަދުގެ ތެރޭގައި އާންމުންނާ ގުޅިގެން ގާތުން މަސައްކަތް ކުރާ ބަޔަކަށްވުން ހިމެނޭ ކަމަށްވެސް ޑރ. އާއިޝަތު ޝިހާމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެ މިނިސްޓްރީ އިން ބުނީ މައިގަނޑު ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އާއިލާތަކާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މުޖުތަމައުގައި ހަވާސާ ކުރެވިފައިވާ އެންމެހާ ފަރާތްތަކުން ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ކަމަށެވެ. އަދި އެ މިނިސްޓްރީގެ އެ މަސައްކަތްތަކުގެ ތެރޭގައި މުޅި މުޖުތަމައުގެ އިޖްތިމާއީ ފޭރާ ހެޔޮ ކުރުމަށް ކުރާ އެންމެހާ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނީ އެ ސިލްސިލާގައި ކުރިއަށް އޮތް ސެގްމެންޓްތަކުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ އެކި އެކި ޑިޕާޓްމަންޓްގެ މަސައްކަތްތަކާ މިނިސްޓްރީގެ މެންޑޭޓް އާންމުންނަށް ދެ ފުށް ފެންނަ ގޮތަށް ގެނެސްދޭނެ ކަމަށެވެ.