ހއ. ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް އެ ރަށުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކެލަޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިންތިހާބު ތެރޭގައި ކެލަޔަށް ވަޑައިގަތުމުން އެ ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވި ކަންތައްތައް ރައްޔިތުން ފާހަގަކުރެއްވި ކަމަށާއި އެކަންކަމަށް އިޖާބަދެއްވާ އެ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. އަދި އެންމެ މުހިއްމީ އިގްތިސޯދީ ތަރައްގީ ކަމަށާއި އަމްރާނީ ތަރައްގީގެ ރޮނގުން ކަންކަން ހަލުވި މިނުގައި ފުޅާކޮށް ކުރިއަށްދާން ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަންކަން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ރަށުގެ ތަރައްގީއަށް ރައްޔިތުންގެ ކިބައިން އެދުނު ހުރިހާ ކަމެއް ވައުދުވެވަޑައިގެންނެވި ގޮތަށް ފުއްދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެގޮތުން ޓޫރިޒަމް ތަރައްގީކުރުމަށް ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަކީ އެންމެ މުހިއްމު މަޝްރޫއު ކަމަށާއި އެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި އެ ރަށުގެ ފަޅު ތެރޭގައި އެ ރަށުގެ ރައްޔިތުންނަށާއި މުޅި އަތޮޅަށް ފައިދާވާނެ ގޮތަށް ރިސޯޓެއް ތަރައްގީކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އިކޮނޮމިކް ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި ކެލާއަކީ ދަނޑުވެރިކަން ކުރާ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގެ ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަން އިތުރަށް ކުރިއަރުވާ، އެހެން ހަރުފަތަކަށް ގެންދިއުމަށް ބައިވަރު ކަންކަން ކުރަން ޖެހޭ ކަމަށާއި އެ ސަރަހައްދަށް ޔުޓިލިޓީސް ގާއިމްކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު އެހެން ހަރުފަތަކަށް ގެންގޮސް ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޔަގީންކަން ރާއްޖެއިން ގާއިމްކުރުމުގެ ސިޔާސަތެއް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސަތަކީ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބޭނުމަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ރާއްޖޭގައި އުފައްދޭ ހުރިހާ ބާވަތެއްވެސް ރާއްޖޭގައި އުފެއްދޭ މިންވަރަށް ދަނޑުވެރިކަން ފުޅާކުރުން ކަމަށާއި އެ ދެ އަމާޒު ހާސިލުކުރެވޭނީ ވަރަށް މަސައްކަތް ކޮށްގެން ވަރަށް ފުޅާކޮށް އެ މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެކަމުގައި ކެލާއިން މުހިއްމު ދައުރެއް އަދާކުރަން ބޭނުންވާ ކަމަށާއިއެގްރިކަލްޗާ މިނިސްޓަރީ މެދުވެރިކޮށް ދަނޑުވެރިންނަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ދަނޑުވެރިކަމަކީ ކުރިއަށް އޮތް ތަނުގައި ވަރަށް ފުޅާވާނެ ދަނޑުވެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެ މުހިއްމު އެއް ކަމަކީ ޒުވާނުންނަށް ހާއްސަކޮށް އަދި ގެދޮރުވެރިކަން ނެތް އެންމެންނަށްވެސް ގެދޮރުވެރިކަން ޔަގީންވެގެން ދިއުން ކަމަށާއި ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުވެރިކަން ގާއިމްކުރުމަށްޓަކައި ހައުސިން ޕްރޮޖެކްޓްތައް ހިންގަން ކަނޑައަޅާފައިވާ ޕްލޭންގެ ތެރޭގައި އެ ރަށެއްގެ އާބާދީއާއި އެ ރަށުގެ ބިމުގެ ޖާގައިގެ ނިސްބަތުން އަދި ޖާގަ އިތުރުކުރެވެން އޮތް ނިސްބަތް އެކަހަލަ ކަންކަމަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.