މާލޭ މަގުމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 32 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ނީލޯފަރު މަގު ގޯޅިގަނޑެއްގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް މިއަދު ފަތިހު 5:27 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހަބަރު ހުސްވެފައި ވަނީ ވައްކަން ކުރުމަށްފަހު ފިލަން އުޅުމުގެ ތެރޭގައި އިމާރާތެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.

ހަބަރު ހުސްވެފައިވާ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް އިއްޔެ ލ. ގަމުން ވެސް ވަނީ ފެނިފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.