ނިމިދިޔަ ސަރުކާރުން މާލޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،250 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއިން މިފަދައިން ބުނެފައި ވަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތް ރައްޔިތުންނަށް އެންގުމަށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގްރީމެންޓްގައި ސޮއިކޮށް، 8،250 ފަރާތަކާ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފައިވާއިރު، ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރާ 303 މީހުން އެބަ ތިބި ކަމަށެވެ. އަދި އެޕްލިކޭންޓުން ބިން ދޫކޮށްލަން އެދިފައިވާތީ 16 ފަރާތަކާއެކު ސޮއި ނުކުރެވިވާ ކަމަށް ވެސް މިނިސްޓްރީއިން ފާހަގަ ކުރެއެވެ.

މީގެއިތުރުން އެޕްލިކޭންޓޫން ނިޔާވުމުގެ ސަބަބުން ސޮއި ނުކުރެވި 12 ފަރާތެއް ތިބިކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފަރާތަކާއެކު ސޮއި ކުރެވިފައިނުވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ހައުސިން މިނިސްޓްރީއިން އިތުރަށް ބުނީ އެގްރީމެންޓް ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ 212 މީހުން އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކަށް ސޮއިކުރުމަށް ދެވެނަ ފުރުސަތު ވެސް ދީފައިވާކަން އެ މިނިސްޓްރީއިން ފާހަގަ ކުރެއެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ބިންތަކުގެ އެގްރީމެންޓްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލު ކުރެވިފައި ނުވާ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީއިން ބުނި ގޮތުގައި ބިން ލިބޭ ފަރާތްތަކަށް ހައުސިން މިނިސްޓްރިއިން ގުޅާނީ އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004994 އަދި 4004797އިން ނެވެ.