ބަންކަރިންގެ ހިދުމަތް އަންނަ ޖުލައިމަހު ބޮޑުތިލަދުންމަތީގައި ފެށޭނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ދެ ހަފްތާ ތެރޭގައި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ އެއް ކުންފުންޏަކާއެކު ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ހިދުމަތް ފެށުމަށް މަޝްވަރާ ކުރާނެކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ބަންކަރިންނަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ.

ސައީދު އިތުރަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތާއެކު އެ ސަރަހައްދުގައިި ވަޒީފާގެ ފުރުސަތު އިތުރުވެ ރާއްޖޭގެ އާމްދަނީ އިތުރުވެގެން ދާނެކަމަށާއި، އަދި ފޮރިން ކަރަންސީއަށް އީޖާދީ ދޮރެއް ހުޅުވިގެން ދާނެކަމަށެވެ.

މީގެއިތުރުން ފްރީޒޯން ކުންފުންޏެއް އުފައްދާއި ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫ ކުރިމަތީގައި އޮންނަ އިންޑަސްޓްރިއަލް ފަޅު އެކުންފުނީގެ އެސެޓްގައި ހިމަނާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާރު ރައީސް ރާއްޖޭގެ އުތުރު 4 އަތޮޅަކަށް ވަޑައިގަތުމަށްފައްޓަވާފައިވާ ދަތުރުފުޅުގައި، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަދި ގއ. ގެ ބައެއް ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ.