އިންޑިއާގައި އަންހެން ކުދިންނާއި އަންހެނުންގެ މޫނަށް އެސިޑް ޖެހުމަކީ މިހާރު އިތުރުވަމުން އަންނަ ނުރައްކަލަކަށް ވެފައި ވާ އިރު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެފަދަ އެންމެ ގިނަ ހާދިސާ ހިނގަނީ ބެންގަލޫރުގައެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ބިއުރޯ (އެންސީއާރުބީ) އިން އާންމު ކޮށްފައި ވާ ހިސާބުތަކުން ދައްކާ ގޮތުން، ބެންގަލޫރު، ދިއްލީ، ހައިދަރްއާބާދު އަދި އަހުމަދުއާބާދަކީ މިފަދަ ހާދިސާތައް ގިނަ ސިޓީތަކެވެ.

މިފަދަ ހާދިސާތައް އެހެން ސިޓީތަކުގައި ވެސް ހިނގަމުން އަންނަ އިރު މިއީ އިންޑިއާގައި ޒުވާން އަންހެން ކުދިންގެ މެދުގައި މިހާރު ބިރުވެރިކަމަކަށް ވަނި ވެފައެވެ. ނިދާފަ އޮއްވާވެސް މޫނަށް އެސިޑް ޖެހުމުގެ ހާދިސާތައް ހިނގާފައި ވާ އިރު ގެއިން ނިކުންނަ ވަގުތާއި މަގުމަތިން ހިނގާފައި ދާ ވަގުތުތަކުގައި ވެސް އަންނަ ނާންނަ ދިމާއެއް ނޭނގި މީހަކު އަދި ބަޔަކު އެއްވެ މިފަދަ ޖަރީމާތައް ހިންގަމުން ދާތީ އަންހެންނުން ތިބެނީ ބިރުންނެވެ.

އިންޑިއާގައި އެސިޑް ކޭސްތައް ހިނގާފައި ވާ ގޮތުގެ ގްރާފެއް (ސޯސް: އެންސީއާރުބީ)

މިފަދަ ހާދިސާތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހިފައި ވާ އިރު، ރިޕޯޓު ނުކޮށް ދާ އެތައް ސަތޭކަ ކޭސްތަކެއް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސިޑްގެ ޝިކާރައަކަށް ވާ އަންހެނުން ކޮންމެ ދުވަހަކު ނަފްސާނީ އެތައް މައްސަލަތަކާ ކުރިމަތިލާން ޖެހޭއިރު، އާއިލާ އާއި ރައްޓެހިންނާއި އަދި އެނޫންވެސް ފަރާތްތަކުން ކުރިމަތިވާ ފުރައްސާރައަކީވެސް ތަހަންމަލް ކުރަން ޖެހިފައިވާ ކެކުޅުމެކެވެ. ނަމަވެސް މިފަދަ އެތައް ބައެއްގެ ތެރެއިން ހިތްވަރުކޮށް އާ ދިރިއުޅުމަކާ ކުރިމަތިލައި އަންހެނުންވެސް މަދެއް ނޫނެވެ.

ސީމާ ނަމަކަށް ކިޔާ ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދަރިވަރަކީވެސް އެފަދަ ކުޑަ ސިޓީއަކުން އެސިޑްގެ ޝިކާރައަކަށް ވީ އަންހެނެކެވެ. އޭނާއަށް ހަމަލާ ދިނީ އޭނާގެ ބޭބެގެ ދެ ރައްޓެހިންނެވެ. އެހާދިސާ ކިޔައިދެމުން ސީމާ ބުނީ، އެކަން ހިނގާފައި ވަނީ އޭނާގެ ބޭބެ ރައްޓެހިވެގެން އުޅުނު ބޭބެގެ ދެ ރައްޓެހިންގެ ތެރެއިން އެކެއްގެ ކޮއްކޮއާ ބޭބެ ކައިވެނިކުރަން ދެކޮޅު ހެދުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

"އަހަރެން ގެއިން ނިކުތް ވަގުތު އެމީހުން އަހަރެންގެ މޫނަށް އެސިޑް ޖެހީ، ދެން ވީގޮތެއް ނޭނގުނު"
ސީމާ

އެ ހާދިސާއިން އަރައިގަތުމުގައި ސީމާގެ އާއިލާއިން ފުރިހަމަ އެހީތެރިން ދިން އިރު ބައެއް ފަހަރު އެކަނިމާއެކަނި އުޅެން ޖެހުނު ކަމަށް ބުނަމުން ސީމާ ބުނީ، ފަރުވާއަށްޓަކައި އެކަނިމާއެކަނި 185 ކިލޯމީޓަރަށް ދަތުރު ކުރަން ޖެހުނު ކަމަށެވެ. ގާތްގަނޑަކަށް 8 ސާޖަރީއެއް މިހާރު ހަދާފައި ވާ ސީމާ، ލަކްނޯއަށް ގޮސް ފަރުވާ ހޯދަން އުޅުމުގެ ތެރޭގައި، އެފަދަ ޝިކާރައަކަށް ވެފައި ތިބި އިތުރު 3 މީހަކާ ދިމާވުމަކީ މިއަދު ސީމާ އެނބުރި އައުމަށް މެދުވެރިވި ހިތްވަރެވެ. އެމީހުންނާއެކު މިއަދު ސީމާ "ޝެރޯސް" [ޝީ ހީރޯސް] ނަމުގައި ކުދި ކެފޭތަކެއް ހަދާ ހިންގަމުން އަންނަ އިރު، އެމީހުންގެ އަތުގައި އިތުރު ނަސީބެއް ވަނީ ހިފާފައެވެ. އެއީ އެސިޑްގެ ޝިކާރައަކަށް ވެފައި ތިބޭ އެފަ މީހުންނަށް އެހީވާ އެންޖީއޯއެއްގެ އެހީތެރިކަން ލިބިގެން ދިޔުމެވެ. މިއަދު ލަކްނޯގެ އިތުރުން އެހެން ބައެއް ސިޓީތަކުގައި ވެސް ކުދި ކެފޭތައް ހިންގަން ފަށާފައި ވާއިރު ސީމާ އާއެކު ދެން ހިމެނޭ އެފަދަ 3 އަންހެނުން ބުނެފައި ވަނީ، އެމީހުން ބޭނުންވަނީ އާ ދިރިއުޅުމަކަށް ދިޔުމަށް ކަމަށާއި، ހިތުގެ އެއްކަނުގައި ބިރެއް އޮތް ނަމަވެސް ކުރިއަށް ދިޔުމުގެ އުއްމީދު ދޫކޮށްނުލާ ކަމަށެވެ.

"އަދިވެސް ބައެއް ފަހަރު ބިރުގަނޭ، ނޭނގެ މިހެން އުޅެނިކޮށް އެމީހުން އައިސް އަލުން އެސިޑް ނުޖަހާނެ ކަމެއް ވެސް"
ސީމާ

ސީމާ ފަދަ އެތައް ބަޔަކު އެ ބޮރުވެރިކަމުގައި ތަހަންމަލް ކުރަމުން ދާ އިރު، ހިސާބުތަކުން ދައްކާ ގޮތުން 2022 ގައި އެކަނިވެސް އެސިޑްގެ 202 ހާދިސާ އިންޑިއާގައި ހިނގާފައި ވެއެވެ. 2023 އަދި 2024 ގެ ހިސާބުތައް އާންމުވެފައި ނުވާ އިރު ފާއިތުވި 5 އަހަރަށް ބަލާނަމަ އަދަދުތައް ހުރީ މަތިވަމުން ގޮސްފައެވެ.