އިޒްރޭލާ ދެކޮޅަށް ބައިނަލްގުވާމީ ޖިނާއީ ކޯޓު (އައިސީޖޭ) ގައި ކުރިއަށް ދާ ޝަރީއަތުގައި ގަތަރުން ވަރުގަދަ ރައްދެއް ދީފިއެވެ.

އިޒްރޭލާއި ފަލަސްތީނު ސުލްހަ ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރާ ގަތަރުން އައިސީޖޭގައި ކުރިއަށް ދާ އަޑުއެހުމުގައި ބުނީ، މިއަދު ފެންނަމުން ދަނީ ދުނިޔޭގެ "ޑަބަލް ސްޓޭންޑަޑް" [ވަކި ބަޔަކަށް ވަކިގޮތެއް] ކަމަށާއި އެއް ބަޔަކަށް ކުޑަކުދިން މެރުން ހުއްދަވެފައި އަނެއް ބަޔަކަށް ކުޑަކުދިން ރައްކާތެރި ކުރަން މަޖުބޫރުވާ ކަމަށެވެ.

"ބައެއް ކުދިންނަކީ ރައްކާތެރިކަން ލިބެން ޖެހޭ ބައެއް، އަނެއްބައި ކުރިން ހާހުން މެރިޔަސް އޯކޭ" އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން ޝަހީދު ކުރަމުން ދާ މައްސަލައަށް ފާޑު ވިދާޅުވަމުން، ގަތަރުން ނެދަލޭންޑްސްއަށް ކަނޑައަޅާފައި ހުންނަވާ އިސް ޑިޕްލޮމޭޓް މުތްލަގް އަލް ގަންތާނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ފަދަ ޑަބަލް ސްޓޭންޑަޑަކީ ގަތަރުން ގަބޫލު ކުރާނެ ގޮތެއް ނޫން ކަމަށާއި ހުރިހާ ހާލަތެއްގައި ވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ނަގަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެ ގާނޫނުތަކާ ހިލާފުވާ ފަރާތްތައް ޒިންމާ ކުރުވެންވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިޒްރޭލުގައި އޮތީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ބާރު ފޯރުވާ އެ ރައްޔިތުން އެކަހެރިކޮށް ބާކީކޮށްލާ ސަރުކާރެއް ކަމަށެވެ. އަދި ހަމަ އެހެންމެ އިޒްރޭލުން ބިންތައް ހިފަމުން ދިޔުމަކީ ގާނުނާ ހިލާފު ކަމެއް ކަމަށާއި އެއީ ފަލސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން އެމީހުންގެ އަމިއްލަވަންތަކަން (މިނިވަންކަން) ނިގުޅައިގަތުން ކަމަށެވެ.

އެހެން ކަމުން މި ހާލަތު (އިޒްރޭލުން ފަލަސްތީނުގެ މައްޗަށް ހިންގާ އުދުވާން) ހުއްޓުވުމަކީ އައިސީޖޭއަށް ލާޒިމު ކަމެއް ކަމަށާއި އެކަމަށް އައިސީޖޭ އިން ފަރުވާ ހޯދައިދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ ރައްކާތެރިކަން ނެގެހެއްޓުމުގެ ފުރިހަމަ ޒިންމާ އައިސީޖޭއަށް އޮތް ކަމަށާއި އެއަށް ވުރެ މަތީ އެހެން ނިންމުމެއް ދެން ނޯންނާނެ ކަމަށެވެ.

އައިސީޖޭގައި އިޒްރޭލާ ދެކޮޅަށް ހިނގަމުން ދާ މައްސަލައިގައި 52 ގައުމަކުން ތަދައްހުލްވެ ބަޔާން ހުށަހަޅާނެއެވެ. ފެބްރުއަރީ 19 އިން 26 އަށް ކުރިއަށް ދާ މި އަޑުއެހުންތަކުގައި މިއަދަކީ 6 ވަނަ ދުވަހެވެ. މި ޝަރީއަތަކީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިގަނެގެން ތިބި ތިބުމާއި އިޒްރޭލުން ހިންގާ އުދުވާނުތައް ބަލައި ހުއްޓުވައި ދިނުމަށް ގޮވާލައި ހުށަހަޅާފައި ވާ މައްސަލައެއްގެ ޝަރީއަތެވެ.

15 ޖަޖުންގެ ޕެނަލަކުން ބަލަމުން ދާ މި މައްސަލައިގައި ވަކާލާތު ކުރާ ގައުމުތަކުން ބުނަމުން ދަނީ، 1962 ގައި އަލްޖީރިއާ އަށް އަރައިގަނެ ވަޒަންވެރިވެގެން ތިބި ފްރާންސުގެ މީހުންވެސް ބޭރު ކުރީ މިފަދަ ގުރުބާނީއެއް (ފަލަސްތީނުން ކުރަމުން ގެންދާ ޖިހާދު) ފަދަ ގުރުބާނީއަކުން ކަމަށާއި، ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ބޭލޭނީވެސް ބައިނަލްއަގުވާމީ ގާނޫނު ނަގަހައްޓައިގެން ކަމަށެވެ.