ޕާކިސްތާންގައި ނިމިދިޔަ އާންމު އިންތިހާބުގައި، ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިންރާން ހާންގެ ކެންޑިޑޭޓުންނަށް އަޣުލބިއްޔަތު ލިބުނު ނަމަވެސް ސަރުކާރު އެކުލަވާލަނީ ދަށުން ވޯޓު ލިބުނު މައި ދެޕާޓީއާއި ކުދި ޕާޓީތައް ގުޅިގެންނެވެ.

އެ އިންތިހާބުގައި އިމްރާނުގެ ކެންޑިޑޭޓުން 93 ގޮނޑި ހޮދި އިރު މިހާރު ވެރިކަމުގައި އޮތް ނަވާޒް ޝަރީފްގެ ޕާޓީއަށް ލިބުނީ، 75 ގޮނޑިއެވެ. ޖެހިގެން 3 ވަނަ ލިބުނީ ބުއްޓޫ ޕާޓީއަށެވެ. އެއީ 54 ގޮނޑިއެވެ.

އިމްރާނުގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތު ނުދިނުމުން ވާދަ ކޮށްފައި ވަނީ އަމިއްލަ ގޮތުން ކަމަށް ވުމުން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިމްރާނަކަށް ނެތެވެ. އެހެން ކަމުން 2 ވަނަ އަދި 3 ވަނަ އަށް ދިޔަ ޕާޓީއާއި އިތުރު ކުދި ޕާޓީތައް ގުޅިގެން ސަރުކާރު އެކުލަވާލަމުން އަންނަ އިރު އަންނަ ހަފްތާފައި ހުވާ ކުރާނެެވެ.

ޕާކިސްތާނު މިއަދު ވަނީ އިގްތިސޯދީ ގޮތުން ފުން އަނދަވަޅެއްގައި އޮތް އިރު އެކަމުން ސަލާމަތްވާން އެގައުމު ވަނީ އައިއެމްއެފްގެ ޕެކޭޖު ނަގާފައެވެ. އެގޮތުން ސްޓޭންޑްބައި ޕެކޭޖެއްގައި ސޮއިކޮށް ހިނގަމުން މިދަނީ އެކަމަށް ކަނޑައެޅި 9 މަހުގެ މުއްދަތެވެ. އަންނަ މަހު އެ މުއްދަތު ހަމަވާ އިރު އައިއެމްއެފް އިން ކަނޑައެޅި 3 ބިލިއަން ޑޮލަރުގެ ޕެކޭޖް ދޫކުރަން ފަށާނީ އާ ސަރުކާރު އެކުލަވާލުމުން ކަމަށް ވާ އިރު އިމްރާން ވިދާޅުވެފައި ވަނީ، އައިއެމްއެފް ވެސް އަދި އީޔޫ ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން މާލީ އެހީ ދިނުމުގައި އެތަނެއްގައި އޮންނަ ހިންގުމުގެ ހަރުދަނާ ކަމަށް ބަލާ ކަމަށާއި ޕާކިސްތާނުގައި ނިމިދިޔަ އިންތިހާބުގައި އޮޅުވާލުމާއި މަކަރު ހަދާފައި ވާ ކަމަށެވެ.

އިމްރާންގެ ފަރާތުން މިހެން ބުނެފައި ވީ ނަމަވެސް އައިއެމްއެފްގެ އޮފިޝަލުން ބުނެފައި ވަނީ، ނިމިދޔަ ސަރުކާރުގައި އަމަލު ކޮށްފައި ވަނީ އައިއެމްއެފްއިން ދެމުން ގެންދިޔަ އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ.