ސިލްސިލާކޮށް ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ޕީއެސްއެމްއާއި ރައީސް އޮފީހާއި ގުޅިގެން އާންމު ރައްޔިތުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދޭ ގޮތަށް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ. ސަލްޓަން ޕާކްގައި އޮންނަ މި ފޯރަމްގައި ރައީސް ބައިވެރިވަޑައިގަންނަވާއިރު އެމަނިކުފާނާ ސުވާލު ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ފޯރަމްގައި ރައީސާ ކުރާނެ ސުވާލު ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް، އޭއެޗް ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކުރުމަށް ފަހު ސުވާލު ލިޔެ، 300 އަށް ފޮނުވައިގެންނެވެ. މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވާ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ މަގްސަދުގައި މި ސަރުކާރުން މުޅިން އަލަށް ފެށި 'އަހާ ފޯރަމް' ގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ މަހުގެ 25ގައެވެ.
އެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ރައީސް ވަނީ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުސަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެސް އެގޮތަށް ކޮންމެ ތިން މަހަކުން އެއްފަހަރު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން ރައީސް ވައުދުވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުންވެސް ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ރައީސް ގެންދަވަނީ ޖަވާބުދެއްވަމުންނެވެ.