ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ތިންވަނަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ފޯރަމްއަކީ ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކެކެވެ.

މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަހީދުއެވެ.

އަހާ ސިލްސިލާގެ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ 3 މަހުން އެއްމަހު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާ ގޮތަށެވެ. އަދި ކޮންމެ 2 މަހުން އެއްމަހު ސީދާ މިނިސްޓަރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވި އަހާ ސިލްސިލާގެ ފުރަތަމަ ފޯރަމްގައި ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ވެސް 5 މިނިސްޓަރަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ފެބްރުއަރީ މަހުގެ 23 ވީ ހުކުރު ދުވަހު ބޭއްވި އަހާ ސިލްސިލާގެ ދެވަނަ ފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ސިލްސިލާގެ 3 ވަނަ ފޯރަމް މިދިޔަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް އެމަހުގެ ފޯރަމް މި ހިނގާ އެޕްރީލް މަހަށް ފަސްކުރެއްވީ ބަރަކާތްތެރި ރަމަޟާން މަސް މާޗު މަހާއި ދިމާވުމުންނެވެ. މިއަދާ މިރޭ މާލެ ސަރަޙައްދަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، އަހާ ސިލްސިލާގެ މިރޭގެ ފޯރަމް، ޓީވީ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ވަނީ ބަދަލުކުރައްވާފައެވެ.