މި ފެށޭ ރަމަޟާން މަހަށް ބާޒާރުގައި އަސާސީ ބާވަތްތަކުގެ މުދަލުގެ އަގުތައް ބޮޑުކުރާ ނަމަ އެ ވިޔަފާރިތަކަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ރައީސް އޮފީސް ގުޅިގެން ބޭއްވި 'އަހާ' ފޯރަމްގައި އާންމުންގެ މީހަކު ވީޑިއޯ މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެންމެ ރަނގަޅަށް ކާބޯތަކެތި ލިބުމާއި އަގުތައް އެންމެ ރަނގަޅަށް މެނޭޖްކުރެވުނީ މިދިޔަ ރަމަޟާން މަހު ކަމަށާއި އެކަން އެހެން ވީ ސަރުކާރުގެ އިދާރާތައް ކުރި މަސައްކަތުން ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓަކާ ހަވާލާދެއްވައި ސައީދު ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހަތް ޕަސެންޓު ހުރަސްކުރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރި ކަމަށާއި، ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން ރޭޓު ތިން ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރެވުނީ އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ތަކެތީގެ އަގުތަކުގެ ސިޔާސަތެއް އެކުލަވާލެވުމުންނެވެ.

އެ ސިޔާސަތުގެ ދަށުން ބާޒާރުގައި 183 ބާވަތެއްގެ އަގު ކޮންޓްރޯލްކުރަން ހިމަނާފައިވާ ކަމަށާއި، އޭގެ ތެރެއިން 54 ބާވަތަކީ ސީދާ ރަމަޟާން މަހު އަގުތައް ހިފެހެއްޓުމަށް ހިމަނާފައިވާ ބާވަތްތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"މި ހުރިހާ ތަކެއްޗެއްގައި އަޅުގަނޑުމެން ރަމަޟާން މަހަށް ޑީލްކުރުމުގަ މި އޮތީ ސިޔާސަތެއް ކަނޑައަޅާފަ، އެއީ މާކެޓުގެ އެއްވެސް ބާވަތެއްގެ މުދަލެއް އަގު އުފުލިގެން ދާ ނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

"ސަބަބަކީ އަސާސީ ބާވަތްތަކުގެ މުދާ ގޭތެރެއަށް އާންމު ރައްޔިތުން ހޯދުމުގަ ދަތި ހުރަސް ވާނެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އޮތް ގޮންޖެހުންތަކުގެ ތެރެއިން ވެސް ސަރުކާރުން މި ދަނީ ހައްލުކުރަމުން، ދާއިރުގަ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވޭ އަތޮޅުތެރޭގެ އަދި ރަށްރަށުގެ އަދި މާލޭގެ، ގްރޭޓާ މާލޭގެ މި ސަރަހައްދުގެ އެއްވެސް ދިމާލަކުން މި ދެންނެވި ބާވަތްތަކުގެ މުދާ، ހާއްސަ ގޮތެއްގަ އަގު ބޮޑުވެގެން ދާކަށް،"

ސައީދު ވަނީ އަސާސީ ބާވަތްތަކުގެ މުދަލުގެ އަގުތައް ބޮޑުނުކުރުމަށާއި، ދަތިތައް ހުރިނަމަ ވިޔަފާރިތަކުން ސަރުކާރާ ޝަކުވާތައް ހިއްސާކޮށް ދަތިތައް ހައްލުކުރަން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ.