ކ. މާފުށީގައި މޫދަށް އެރި އުޅުނު މީހަކު މަރުއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރު ކައިރިން މީހަކު ގެނބިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާއަށް މާފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާއަކީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއް ކަމެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައާއި މޫދަށް ގޮސް އުޅުމުގެ ތެރޭގައި މީގެ ކުރިން ރާއްޖޭގައި ދިވެހިންނާއި ބިދޭސީއިން ގެއްލިފައި ވާއިރު އެފަދަ ހާދިސާތަކުގައި މީގެ ކުރިން އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އެގޮތުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް މިފަދަ ހާދިސާތަކުގައި ވަނީ މަރުވެފައެވެ.