އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑު އަދި ސްރީލަންކާ ކޯސްޓްގާޑް ގުޅިގެން ކުރިއަށް ގެންދާ 'އެކްސަސައިޒް ދޯސްތީ-16' ގައި ބައިވެރިވުމަށް ސްރީލަންކާ އަދި އިންޑިއާގެ މަނަވަރުތައް ރާއްޖެ އަތުވެއްޖެއެވެ.

މި ތަމްރީންތަކުގައި ބައިވެރިވާނީ ސްރީލަންކާގެ ކޯސްޓްގާޑް ސިފައިންގެ މަނަވަރު "ސަމުދުރާ"އެވެ. ރާއްޖެ އާއި އިންޑިއާ އާއި ސްރީލަންކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ރާއްޖެ ކޯސްޓް ގާޑް، އިންޑިއާ އަދި ސްރީލަންކާ އިން ބައިވެރިވާއިރު ބަންގަލަދޭޝްއިން ވެސް މި ތަމްރީނުގެ ކަންތައްތައް ގާތުން ބަލާނެއެވެ.

އެމްއެންޑީއެފް އިން ބުނީ މި އެކްސަސައިޒްގެ މަގްސަދަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުންކަމަށެވެ. އަދި ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކުރުމާއި ތިން ގައުމުގެ ސިފައިންގެ ގާބިލްކަން އިތުރުކުރުމެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.