ތެލުގޫ، ތަމަޅަ އަދި ބޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ބަތަލާ ރަކުލް ޕްރީތު 33، ކައިވެނިކޮށްފިއެވެ.

އިންޑިއާގެ ގޯއާގައި އިއްޔެ ބޭއްވި ކުލަގަދަ ކައިވެނީގެ ހަފްލާގައި ބަތަލާ ރަކުލް ކައިވެނިކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޖެކީ ބަގްނާނީ 39، އާއެވެ. ކައިވެނި ހަފްލާގައި ބޮލީވުޑްގެ ގިނަ ތަރިންނެއް ބައިވެރިވިއިރު ދެ ފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިންވެސް ވަނީ ބައިވެރިވެފައެވެ. ކުލަގަދަކޮށް ކައިވެނީގެ ހަފްލާ ބޭއްވިއިރު ދެމީހުން ކައިވެނިކުރުމާއެކު ފިލްމީ ދާއިރާގެ މީހުންގެ އިތުރުން ރަކުލް އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މީހުން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ.

ބަތަލާ ރަކުލް އާއި އޭނާގެ ލޯބިވެރިޔާ ޖެކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރީ 2021 ވަނަ އަހަރުތެރޭގައެވެ. ދެމީހުން އެއްކޮށް ރާއްޖޭގައި ވެސް މީގެ ކުރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ބަތަލާ ރަކުލް އެންމެ ފަހުން ރާއްޖެ އައީ މިދިޔަ އޮކްޓޯބަރު މަހުގައެވެ.

ޖެކީ އަކީ ވެސް ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބައްޕަ އަކީ ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އެވެ. ޖެކީގެ އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓްގެ ޒިންމާތަކާ މިވަގުތު ޖެކީ ހަވާލުވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން އެކްޓްވެސްކޮށްފައެވެ، 2009 ވަނަ އަހަރު ފިލްމީ ދާއިރާ އަށް ނުކުތް ޖެކީ މިވަގުތު މަސައްކަތްކުރަނީ ފިލްމު ޕްރޮޑިއުސްކުރުމުގައެވެ.

ރާކުލް ބޮލީވުޑަށް ތައާރަފްވީ 2014 ވަނަ އަހަރު ފިލްމު "ޔާރިއާން" އިންނެވެ. ބަތަލާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ޑޮކްޓަރު ޖީ"، "މަރްޖާވާން" އަދި "އައްޔާރީ" ހިމެނެއެވެ. ބަތަލާ އަތުގައި ގިނަ ޕްރޮޖެކްޓްތަކެއް ހުރިއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ތަމަޅަ ފިލްމު "ޗަތުރިވާލީ" އިންނެވެ. އެ ފިލްމުގެ މަންޒަރުތައް މިހާރު ވަނީ ލަކްނޯގައި ޝޫޓްކޮށް ނިންމާލާފައެވެ. ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާންކޮށްފައިނުވާއިރު ބަތަލާ ރަކުލް ބޮލީވުޑް ފިލްމަކުން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރު އާއެކު "ސިންދްރެއްލާ" އިންނެވެ.