އިޒްރޭލުން ގާޒާގައި ހިންގާ އުދުވާން ވަގުތުން ހުއްޓާލަން ގޮވާލައި އަލްޖީރިއާއިން އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކޮށްފިއެވެ. ހޫނު ބަހުސަކަށް ފަހު އެ ގަރާރު އެމެރިކާއިން ވިޓޯ ކުރުމުން ދުނިޔޭގެ އެކި ގައުމުތަކުން އެމެރިކާ އަށް ފާޑުކިޔާފައި ވާ އިރު ޗައިނާ އިން ބުނީ، ހަނގުރާމަ ހުއްޓާލަން އެމެރިކައިން ދެކޮޅު ހެދުމަކީ "މީހުން މަރަން އިޒްރޭލަށް ދިން ލައިސަންސެއް" ކަމަށެވެ.
އދ އަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ޖޫން ވިދާޅުވީ، އެ ގަރާރުގެ ސަބަބުން އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ކުރަން ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުން ދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އެމެރިކާ ބުނާ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
"ދާއިމީ ސުލްހައަކަށް އެމެރިކާއިން ހުރަސް އަޅަމުން ގެންދިޔުމަކީ މީހުން ކަތިލަން އިޒްރޭލަށް ލައިސަންސް ދިނުން ނޫން އެހެން ކަމެއް ނޫން"
މި ގަރާރަށް ވާހަކަ ދައްކަވަމުން ފަލަސްތީންގެ އެންވޯއީ ރިޔާދު މަންސޫރު ވިދާޅުވީ، އެމެރިކާއިން އެ ކުރާ ކަމަކީ އިޒްރޭލުން ގަތުރު އާންމު ހިންގާފައި ފިލަން ޖާގަ ދިނުން ނޫން އެހެން ކަމެއް ނޫން ކަމަށެވެ. އަދި އެ ގަރާރު އެމެރިކާއިން ހުއްޓުވުމުން ޝަހީދުވެގެން ދާނީ އިތުރު ކުދިންނާއި އާންމު ރައްޔިތުން ކަމަށާއި ސެކިއުރިޓީ ކައުންސިލްގައި ވޯޓާ ހަމައަށް ދިޔަ އިރުވެސް 25 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާ ކަމަށެވެ. އޭނާ ވަނީ އެމެރިކާގެ އެ ނިންމުމަކީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ގަރާރު ހުށަހެޅި އަލްޖީއާއިން ބުނީ، އެ ގަރާރު ވީޓޯ ކުރުމަކީ، ހަނގުރާމައިގެ ނަމުގައި ބަޔަކު ބަނޑަށް ހާންތިކޮށް މެރުމަށް ހުއްދަ ދިނުން ކަމަށެވެ.
ސޭވް ދަ ޗިލްޑްރަން ގެ ފަރާތުން މި މަައްސަލަ އާ ގުޅިގެން ކޮމެންޓް ކުރަމުން ބުނެފައި ވަނީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދައްކައިދެނީ، ދަށް ފެންވަރުގެ ވެސް އާ މިންވަރެއް ކަމަށާއި މިއީ މިހާރުވެސް ފަލަސްތީނަށް އެހީވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ފެއިލްވެފައި އޮތް މިންވަރު އިތުރަށް ދަށަށް ދާނެ ސަބަބެއް ކަމަށެވެ.
ސަލާމަތީ މަޖިލީީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ގަރާރާ އެއްކޮޅަށް ވޯޓު ދިން އިރު ދެކޮޅަށް ވޯޓު ދިނީ އެމެރިކާ އާއި އިޒްރޭލުންނެވެ.