ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން 20 ވަނަ މަޖިލީހުގެ އިންތިހާބު ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ހިމެނޭ ބިލު އަވަހަށް ތަސްދީގުކުރުމަށް ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން މި މަހުގެ 11 ވަނަ ދުވަހު ފާސްކޮށް ޖެހިގެން އައި ދުވަހު އެ ބިލު ތަސްދީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި، އަދިވެސް އެ ބިލު ތަސްދީގުކުރުމާ މެދު ރައީސް ގޮތެއް ނުނިންމަވާ ކަމަށެވެ.
ކަން މިހެން އޮއްވައި މިދިޔަ ހޯމަ ދުވަހުގެރޭ އައްޑޫގައި ބޭއްވި ޖަލްސާގައި އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވަހީދު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ދަށުން ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ބާރު ރައީސަށް އޮތްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، ބިލު ތަސްދީގުނުކުރައްވައި ރައީސް ހުންނަވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ހުރިހާ ޕާޓީތަކުގެ މެންބަރުން އެ ބިލު ފާސްކުރަން ނިންމީ އާންމުންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ.
މި ބިލު ތަސްދީގުނުކުރާތީ އިންތިހާބުގެ ރަސްމީ ތާރީހު ވެސް ރައްޔިތުންނަށް އޮޅިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މި ބިލު އަވަހަށް ފާސްކުރުމަށް ވަހީދު ވަނީ ރައީސަށް ގޮވާލައްވައިފައެވެ.
މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދިނީ ވޯޓުގައި ބައިވެރިވި 24 މެންބަރުންގެ ތެރެއިން 23 މެންބަރުންނެވެ.