ސަރުކާރާ ހަވާލުވިއިރު ކުންފުނިތަކުން ރައްޔިތުންނަށްދޭން ޖެހޭ 9 ބިލިއަން ރުފިޔާ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިދިޔަ ނޮވެންބަރު 17 ގައި މަސައްކަތާ ހާވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީގެ ސަރުކާރު ނިމިގެންދިޔައިރު ކުރިމަތިކޮށްފައި ދިޔަ އިގްތިސޯދީ ހާލަތު ކަމަށާއި 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި އޮތް ކަމަށެވެ. އަދި ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނިތަކުން އެކި ކަހަލަ މަސައްކަތް އެހެން މީހުން ލައްވާ ކުރުވުމަށްފަހު ބިލް ކޮށްފައި ހުރި 9 ބިލިއަން ރުފިޔާގެ ޕެންޑިން ބިލް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ދައްކަން ރައްޔިތުން ބޮލުގައި 120 ބިލިއަންގެ އިތުރަށް 9 ބިލިއަން ރުފިޔާ ދަރަންޏެއް އޮތް ކަމަށާއި މި ފައިސާ ދެއްކުމުގެ މަސައްކަތް ފަށައިގެން މިދިޔަ ތިން މަހު ކުރަމުންދިޔަ ކަމަށެވެ. މިއީ މި ސަރުކާރު އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން ކަމަށާއި މިއަދު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކާ ގޮތުން ހީވަނީ މިއީ މި ސަރުކާރު އައި ފަހުން ރައްޔިތުންނަށް ދަރާފައި ހުރި ފައިސާތަކެއއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން އޮތީ އެހެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފައިސާތައް ދައްކުމުގެ މަސައްކަތް އިތުރަށް ފައިސާ ޗާޕު ނުކޮށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފައިސާ ޗާޕުކުރުން ފަސޭހަ ކަމަށް ވިޔަސް އޭރުން އަނެއްކާވެސް އިގްތިސޯދު އިތުރު އަނދަވަޅަކަށް ވެއްޓޭނެ ކަމަށެވެ. އަދި އެކަން ނުކުރާން ނިންމި ނިންމުމަކީ ކެމްޕެއިންގައި ވީ ވައުދުފުޅާއެއްގޮތަށް ރައްޔިތުންގެ ހައްގުގައި އިގްތިސޯދު ނަގާ ކޮޅަށް ޖަހަން ކުރަން މަޖުބޫރު އަސާސީ ކަމެއް ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 1 ޖެނުއަރީއިން 2024 އިން ފެށިގެން މި ރާއްޖޭގައި ފައިސާ ޗާޕެއް ނުކުރާނެ ކަމަށާއި އޭގެ ކުރިން ނިމިދިޔަ 5 އަހަރުގައި އޭގެ ކުރީގެ 40 އަހަރު ނުކުރާ ވަރަށް ފައިސާ ޗާޕު ކުރި ކަމަށާއި އެއީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ. އަދި އެކަން ކުރުމުން ފައިސާގެ އަގު ވެއްޓުނު ކަމަށާއި އެތައް ގޮތަކުން އިގްތިސޯދު އަނދަވަޅަކަށް ވެއްޓިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ އިތުރުން ދައްކަން ހުރި ދަރަނިތަކަށް ޖަމާކޮށްފައި ހުރި ޑޮލަރުކޮޅުވެސް މާރުކޮށްފައިވާ ކަމަށާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި އެތައް ސަތޭރަ ޑޮލަރެއް މާރު ކުރި ކަމަށެވެ. އަދި މިހާރު އަނެއްކާ ރައްޔިތުންގެ ހައްގުގައި ކުރިއަށް އޮތް ދެ އަހަރު ދައްކަން ހުރި ލޯނު ތަކަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށާއި މިއީ ކުރަން ޖެހިފައި ހުރި ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިވީ ތިން މަސް ތެރޭގައި ފައިސާ ޗާޕުކުރުން ހުއްޓާލާ، 9 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މިހާރުވެސް އެކި އެކި ކުންފުނިތަކާއި އާންމު ފަރުދުނިތަކާއި ކުންފުނިތަކަށް ދައްކައިފައިވާ ކަމަށާއި އެކި މިނިސްޓްރިތަކުންވެސް އެދަނީ ނުދައްކާ އެގޮތަށް ހުރި ފައިސާތައް ދައްކާ ހަލާސްކުރަމުން ކަމަށެވެ.