މިދިޔަ ނޮވެމްބަރު މަހުގެ 17 ގެ ފަހުން މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާ އެއް ދީ ނިންމުން ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސް ގަތުމަށް ފަހު، ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދޭތާ ތިން މަސް ވެފައިވާ ކަމަށް ބުނެ، ކޫއްޑޫގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވެސް މަސްވެރިން އިއްޔެ އިހްތިޖާޖުކޮށްފައިވެއެވެ. ކޫއްޑޫގައި އިއްޔެ އޮތް އިހްތިޖާޖަށް ވަޑައިގަތުމަށް ފަހު، މަސްވެރިންނަށް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ހުރިހާ ފައިސާ އެއް ދެއްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ހާޒިރުކުރުމުން މި ވާހަކަތައް ޝިޔާމް ތަކުރާރުކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، މިވަގުތު މަސްވެރިންގެ އަތުން މިފްކޯ އިން 20 ރުފިޔާ އަށް މަސް ގަންނަ އިރު ދަތިތައް އެބަހުރި ކަމަށާއި، ނަމަވެސް އަމާޒަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ދޫކުރަން ޖެހޭ ފައިސާ ދޫކޮށް ނިންމުން ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދައްކަން ޖެހޭ 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން ދޫކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން ބާކީ އޮންނާނެ 180 މިލިއަން ރުފިޔާ އަޅުގަނޑުމެން އަމާޒު މި ހިފަނީ 5 މާޗުގެ ކުރިއަށް ދެއްކޭތޯ،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަހުގެ އަގަށް ބަދަލު ގެނައި ދުވަހުން ފެށިގެން މި ހިނގާ ދުވަސްތަކަށް ކޮންމެ ހަފުތާއަކުން މަސްވެރިންނަށް ފައިސާ ދޫކުރަމުން ދާނެ ކަމަށާއި، އެންމެ ފަހު ހަފުތާގައި 26 މިލިއަން ރުފިޔާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މިފްކޯގެ ބައެއް ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި ޝިޔާމް ވިދާޅުވި ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިފްކޯ އިން ބޭރުކުރި ޖުމްލަ 18،987 ޓަނުގެ ހަތް ޝިޕްމެންޓުން އާމްދަނީގެ ގޮތުގައި 395 މިލިއަން ރުފިޔާ މިފްކޯ އަށް ލިބިފައިވެއެވެ. އަދި ކްރެޑިޓަށް ދޫކުރި ތެލާއި އައިސް ހިމެނޭހެން މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.