މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުން ފައިސާ ދެވޭ ހިސާބަށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނިތަކުން އާންމު ރައްޔިތުންނަށް ދައްކަން ޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތަށް ދައްކަން ޖެހޭ ފައިސާވެސް ހުރި ކަމަށެވެ. އެގޮތުން އެ ސިނާއަތަށް ދައްކަން ޖެހޭ 260 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ދަރަނި ނުދައްކާ ހުރި ކަމަށާއި އެ ފައިސާ މިހާރު ދައްކާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ ނިޒާމު ގާއިމުކުރުމަކީ ވައުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އަމާޒަށް ދިއުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް މިއަދާ ހަމައަށް އައި އިރުގައި 260 މިލިއަން ރުފިޔާގެ އިތުރަށް ވެސް މި ދިޔަ ތިން މަސް ދުވަހު ކިރި މަހުގެ ފައިސާއާއެކު 442 މިލިއަން ރުފިޔާ މިދިޔަ ތިން މަސް ތެރޭގައި ދައްކާފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ގާތްގަނޑަކަށް 300 މިލިއަން އަދިވެސް ދޭން ޖެހޭ ކަމަށެވެ.

ފަރެސްމާތޮޑާގެ މަސްވެރިންނަށް އެކަނިވެސް 20 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަން ކައުންސިލުން ފާހަގަކުރެއްވި ކަަމަށާއި އެހެންކަމުން ނުދެއްކި ހުރި ފައިސާ އަވަހަށް ދައްކާލަން ބޭނުންވަނީ އަވަަހަށް ދައްކާ ނިންމާ، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އަބަދުވެސް ފައިސާ ދައްކަމުންދާ ނިޒާމަކަށް ދާން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކޭ ހިސާބަށް ގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތްގޮތް ތަފްސީލުކޮށްދެއްވަމުން ރައީސް ވަނީ އެހެންކަމުން އެ ހިސާބަށް ދާން ހުރި ގޮންޖެހުންތައް މަސްވެރިން ބަލައި ގަތުމަށް ހިތުގެ އިހުލާސްތެރިކަމާއެކު އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ މިއީ އެ ނޫން އެހެން ގޮތަކަށް އޮތް ކަމެއް ނޫން ކަމަށާއި މިކަމުގައި ރައްޔިތުން ކިބައިން އެދެން އޮތީ މި ހަގީގަތް ގަބޫލުކޮށްދިނުމަށް ކަމަށާއި މި ނޫން ހަގީގަތެއް މިއަކު ނެތް ކަމަށެވެ. އަދި މިކަމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރައްޔިތުންގެ ހައްގުގައި ކުރަމުންދާ ކަމަށާއި ފައިސާ ޗާޕު ކުރުން ހުއްޓާލީ ވެސް ރައްޔިތުން ހައްގުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރަމުންދިޔަނަމަ އެ ފައިސާވެސް ދައްކާލެވުނީސް ކަމަށާއި އެކަން ކުރުމުން ހުރިހާ ސިނާއަތަކަށް އަދި ހުރިހާ ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށެވެ. އަދި އެއިން ފަސޭހައިން އަރައި ނުގަނެވޭނެ ކަމަށާއި ކުރިއަށް އޮތް 10 އަހަރުވެސް އެކަން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ބޮޑެތި މަސައްކަތްތައް ހިނގަމުންދާއިރު އެކަމުގެ ފުރިހަމަ އިގްތިސޯދީ ކުރިއެރުން ރައްޔިތުންނަށް އިހުސާސްވާނެ ކަމަށެވެ.