ރާއްޖޭގެ ޑިމޮކްރަސީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސްގެ 'ހަތަރެސް ފައި ބަނދެވޭ' ގޮތަށް އޮތުމަކީ ރިޔާސީ ނިޒާމެއްގައި ކުރެވިގެންވާނެ ކަމެއް ނޫންކަމުގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަަކަދައްކަވަމުން އަބްދުއްއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިޔަތް ތެދުވެރިކަމަށާ، އެ މަނިކުފާނަށް ދުއްތުރާ ކުރުން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. މިއަދު ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވައިފައިވަނީ ވަރަށް ބޮޑު ޒިންމާތަކެއްކަން ފާހަގަކުރައްވަމުން އަބްދުއް ރަހީމް ވަނީ އެ ޒިންމާ އަދާކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ޒިންމާއެއް މީހަކާ ހަވާލުކުރާކަމުގައިވަނީ ނަމަ އެ ޒިންމާ އަދާއިކުރުމުގެ އިހްތިޔާރު އެ މީހަަކަށް ދޭންޖެހޭނެކަމަށެވެ. މިއަދު ރައްޔިތުން ކޮށްދޭންޖެހޭ ކަމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި، އަޣުލަބިއްޔަތު ވެރިކަން ކުރާ ޕީއެންސީއަށް ހޯދައިދިނުންކަން ފާހަގަކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތްނަމަ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނިކުންނަވާ ރައީސަކަށް ދުއްތުރާ ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ތެދުވެރި ނިޔަތެއްގައިކަން ހާމަވާ އެއް ކަމަކީ ކޮންމެ ރަށަކަށް ވެސް އެ މަނިކުފާނުގެ ވައުދުތައް ހިމެނޭ ފޮތް ދެއްވައި، އެ ވައުދުތަކަށް ފާރަވެރިވުމަށް އަންގެވުން ކަމަށެވެ. އަދި ގައުމަށް ތަރައްގީ ގެންނަން ރައީސް މުއިއްޒު ބޭނުންވާ ކަންކަމަށް މިހާރު ހުރި ގާނޫނީ ހުރަސްތައް ނައްތާލުމުގެ އިތުރުން ބައެއް އާ ގާނޫނުތައް ވެސް ބޭނުންވާނެކަމުގައި އަބްދުއް ރަހީމް ވިދާޅުވިއެވެ.