އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުން އެދެމުންދާ އެލަވަންސްތައް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ގާނޫނު އޮތްގޮތުން ހުރަސްތަކެއް އެބަހުރި ކަމަށެވެ. ގުޅިގެން ރައީސް ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިގްތިސާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.

ފުވައްމުލައް ސިޓިއަށް މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ 3 ސަރަޙައްދެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްގީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ފެށުންކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުވައްމުލައް ސިޓީގައި މިއަދު އަމަލީ މަސައްކަތް ފެށްޓެވި މަޝްރޫއުގެ ދަށުން ޖުމްލަ 12 ކިލޯމީޓަރުގެ މަގު ހަދާނެކަމަށެވެ.