މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުދޭ ކަމަށް ބުނެ އައްޑޫ ޕިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ) ގައި މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިއަދު މެންދުރުފަހުން ފެށިގެން މަސްވެރިން އިހުތިޖާޖު ކުރަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުން މި އިހުތިޖާޖުގައި އެ ސިޓީގެ ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ ބައިވެރިވަމުންނެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާ މަސްވެރިން ބާނާ މަސް ވިއްކައިގެން ދައުލަތަށް އެއްވެސް ފައިސާ އެއް ނުލިބެނީތޯ މަސްވެރިން އަންނަނީ ސުވާލު ކުރަމުން ދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މަސްވެރިން ވަނީ ބާނާ މަހަށް ފައިސާ ނުލިބުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއްވެސް ނެތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމުގައި ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް އިހްތިޖާޖު ހުއްޓާނުލާނެ ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމާއި ގުޅިގެން އިއްޔެއިން ފެށިގެން ގއ. ކޫއްޑޫގައިވެސް އަންނަނީ މުޒާހަރާކުރަމުންނެވެ. އަދި މާދަމާ ވެސް މުޒާހަރާ ކުރާނެ ކަމަށާއި މާދަމާ ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ކުރަން ނިންމާފައިވާ ކަަމަށް މުޒާހަރާގެ ބައިވެރިވާ މަސްވެރިން ވަނީ ބުނެފައެވެ.

ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުން އަންނަ އިރު، އިއްޔެ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ އަންނަ ރޯދަ މަހުގެ ކުރިން ދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދޭ މައްސަލައަކީ މި ސަރުކާރު އައި ފަހުން ވާ ކަމެއް ނޫން ކަމަށާއި މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް 260 މިލިއަނެއްހާ ރުފިޔާ ނުދީ އޮތްކަމަށެވެ.