މި ދައުރުގައި އައްޑޫ ބްރިޖް ނިމި އެ ސިޓީއެއްކޮށް ގުޅި ލާމެހިގެން ދަތުރުކުރާތަން ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފައިދައިން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ވައުދެއްވުމަކީ ވައުދެއްވާން ވެގެންވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި އެ ވާ ވައުދަކީ ހިތުގެ އިހުލާސްތެރި ކަމާއެކުގައި އެކަމެއް ފުއްދުމުގެ ނިޔަތުގައި ވާ ވައުދަކަށް ވާން ޖެހޭ ކަމަށެވެ. އަދި މިއަދާ ހަމައަށް އާ އިރުގައި ކެމްޕެއިނުގައި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވި ކަންކަން ކޮށްދިނުމުގައި ފައިތިލަ ސާބިތުކޮށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އެގޮތުން އެންމެ މުހިއްމު ވައުދެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ވައުދުފުޅު އެއީ އައްޑޫ ބްރިޖްގެ ވައުދުފުޅު ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް އެންމެ މުހިންމު އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔަ ކަމަށެވެ. އަދި އެކަމުގެ މުނާސަބަތުގައި އައްޑޫގެ ރައްޔިތުންނަށް ވަރަށް މަރުހަބާ ދަންނަވާ ކަމަށް ރައީށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އޭގެ ފީޒިބިލިޓީ ހަދާލަން އެކަނި ކުރާކަމެއް ނޫން ކަމަށާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫއުގައިވެސް ފުރަތަމަ ސޮއިކުރީ އެ ކަހަލަ އެއްބަސްވުމެއްގައި ކަމަށާއި ފީޒިބިލިޓީ ހެދުމާއި ޑިޒައިންކުރުން އެއީ ކޮންމެ ގޮތެއް ވިޔަސް ކޮންމެ ކަހަލަ މަޝްރޫއެއް ކުރިއަށްގެންދާއިރުވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އަމުދުން މި ކަހަލަ ބޮޑު މަޝްރޫއެއް ކުރިއަށްގެންދާއިރު ވަރަށް ތަފްސީލުކޮށް ދިރާސާތައް ހަދަން ޖެހޭނެ ކަމަށާއި ކަނޑު އަޑީގެ ތަފްސީލްތަކާއި އިންޖިނިއަރިން ޑިޒައިނާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ޑިޒައިން ނިންމުމުގައި ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ މިހާ ދިގު ބްރިޖެއް ރާއްޖޭގެ ތާރީހުގައިވެސް ހެދޭނެ އެންމެ ބޮޑު ބްރިޖް ކަމަށާއި ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް މި ރާއްޖެއަކު މިއަށް ވުރެ ބޮޑު ބްރިޖެއް ނުހެދޭނެ ކަމަށެވެ. އަދި އެ ވަރުގެ މަސައްކަތެއް ކުރާއިރުގައި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެވެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތް ނިމޭއިރު ނިމޭނީ ބްރިޖް އޮންނާނެ ގޮތުގެ ތަފްސީލީ ޑިޒައިންތަކާއެކުގައި ކަމަށާއި އެ ނިމޭ ޑޮކިއުމެންޓާ އެކުގައި ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރެވޭ ހިސާބުގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސްރުގެ ސަރުކާރާ ރައީސް ފުރިހަމަ އެއްބާރުލުމާއެކީގައި ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި މިސްރުގެ ސަރުކާރުން ބަހައްޓާ ގާތްގުޅުމުގެ ތެރޭގައި މިއަދު ސޮއިކުރެވުނު އެއްބަސްވުން ދެން ބަދަލުވެގެންދާނީ އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށްކަން އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގައި މި ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި ގާތްގަނޑަކަށް 3 އަހަރާއި ބައި ނުވަތަ ގިނަ ވެގެން 4 އަހަރު ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމާ، ހިތަދޫއިން ހުޅުމީދޫއަށް އަދި ހުޅުމީދޫއިން ހިތަދޫއަށް އެ ސިޓީއެއްކޮށް ގުޅި ލާމެހިގެން ދަތުރުކުރާތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ޝަރަފަކަށްޓަކައި ހަމައެކަނި ކުރާ ކަމެއް ނޫން ކަމަށާއި އެންމެ މުހިންމުކަމެއްގެ ގޮތުގައި އިގްތިސޯދީ ކުރިއެރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ބޭރު ގައުމުތަކުން މިސާލު ޖައްސަވާ ރައީސް ވިދާޅުވީ ގައުމަކަށް ކުރިއެރުން އަންނަނީ ވަރަށް ގިނަ "ކީ" މުހިއްމު ކަންކަން ކުރެވިގެން ކަމަށާއި މާލެއާއި ހުޅުމާލެއާ ބްރިޖަކުން ގުޅުވާލެވުމުން އެއާ ބަދަލު ފެންނާނެ ކަމަށާއި އެކަން އައްޑޫ ސިޓީގައި ދާނީ ތަކުރާރުވެގެން ކަމަށެވެ.