ހުސްވި ހަފްތާގެ ކުރީކޮޅު ޕާކިސްތާންގައި ނިމި ދިޔަ އާންމު އިންތިހާބުގައި ނަތީޖާ އޮޅުވާލަން މަސައްކަތް ކުރި ކަމަށް ޕާކިސްތާންގެ އޮފިޝަލަކު އެއްބަސްވެއްޖެެއެވެ.

އަސްކަރިއްޔާގެ ގިނަ މަރުކަޒުތައް ހުންނަ އަދި އަސްކަރިއްޔާގެ ނުފޫޒު ބޮޑު ރާވަލް ޕިންޑީގެ އިކެލްޝަން ކޮމިޝަނަރު ލިޔާގަތު އަލީ ޗައްޓާ ބުނީ، އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރި ކަމަށާއި އެކަމަށް އެއްބަސްވެ ފުލުހުންގެ ބެލުމުގެ ދަށަށް ދާން ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ ކަމާ ގުޅިގެން މަގާމުން އިސްތިއުފާ ދޭން ތައްޔާރު ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"އިންތިހާބުން ބަލިވި މީހުން މޮޅުކޮށްދޭން އަހަރެމެން މަސައްކަތް ކުރިން، 70،000 ވޯޓުގެ ތަފާތު އޮތް މީހުންގެ ނަތީޖާވެސް ބަދަލުކުރިން" އޭނާ ބުނެފައި ވެއެވެ.

އިތުރަށް އޭނާ ބުނީ، ބައިވެރިވެވުނީ ބޮޑު ކުށެއްގައި ކަމަށާއި، އެއީ 'ގައުމުގެ ބުރަކައްޓަށް ވަޅިއެއްޖެހުން' ފަދަ ކަމެއް ކަމުގެ އިހުސާސް ކުރެވި ހަމަ ނިދިވެސް ނުލިބޭ ކަމަށެވެ.

"އަހަންނަށާއި އެކަމުގައި ބައިވެރިވި އެހެން މީހުންނަށް ވެސް އަދަބު ލިބެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަން" އޭނާ ބުންޏެވެ.

އޭނާގެ މިވާހަކަތަކާ ގުޅިގެން އެ ސިޓީގެ ޕޮލިސް ކޮމިޝަނަރު ބުނީ، އޭނާ އެހެން ވާހަކަ ދެއްކި ނަމަވެސް އޭނާ އާ ދެކޮޅަށް އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާތީ އޭނާ ހައްޔަރު ނުކުރާ ކަމަށެވެ.

މި މައްސަލަ މީޑިއާއަށް ތިލަ ވުމާއެކު ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން ބުނީ، ތަހުގީގެއް ހިންގާނެ ކަމަށާއި ނަމަވެސް ޗައްޓާ ދެއްކި ވާހަކަތައް ދޮގުކުރާ ކަމަށެވެ.

މި ކަމާ ގުޅިގެން ޕާކިސްތާންގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، އޮޅުމެއް އުފެއްދިއްޖެ ކަމަށާއި ސަރުކާރުގެ ފެންބަރުގައި ވޯޓު އޮޅުވާލުމުގައި ބައިވެރިވި ކަމަށް ކުރެވޭ ތުހުމަތަކީ ފަޅާއެރުމުގެ ފެށުމެއް ކަމަށެވެ.

ވޯޓުލުން ހިނގަމުން ދިޔަ އިރުވެސް ވޯޓު އޮޅުވާލާ ކަމުގެ ޝަކުވާތައް އާންމު ފަރާތްތަކުންނާއި އެކިއެކި ޕާޓީތަކުން ކުރަމުން ގެންދިޔައެވެ. އެންމެ ބޮޑަށް އެވާހަކަ ދެއްކީ އިންތިހާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އިދިކޮޅު އިމްރާން ހާން ގެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުންނެވެ. އެމީހުން އެވާހަކަ ދައްކަދައްކާ އޮއްވާ ވޯޓުގެ ނަތީޖާތައް ހާމަވަމުން ދިޔަ އިރު ބޮޑުތަނުން އެ ޕާޓީ ކުރީގައި އޮއްވާ 24 ގަޑި އިރު ނުވެ ނަތީޖާ މުޅިން އެކޮޅު ކޮޅުން ޖެހި ސަރުކާރާއި ސަރުކާރާ ބައިވެރިވާ ޕާޓީތަކަށް ގިނަ ގޮނޑިތަކެއް ލިބުނުކަން އިއުލާން ކުރިއެވެ. އެވަރުންވެސް އިމްރާންގެ ސަޕޯޓަރުން ވަނީ 93 ގޮނޑިއާ އެކު މެޖޯރިޓީ ހޯދާފައެވެ. ދެވަނަ އަށް ދިޔައީ ވެރިކަން ކުރާ ޕާޓީއެވެ. އެޕާޓީއަށް 75 ގޮނޑި އަދި ތިންވަނަ އަށް ދިޔަ ޕާޓީއަށް 54 ގޮނޑި ލިބުނު ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

ޕާކިސްތާންގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އިމްރާންގެ ސަޕޯޓަރުންނަށް ގިނަ ގޮނޑި ލިބުނަސް އޭނާގެ ޕާޓީއަށް އިންތިހާބުގައި ތަމްސީލު ކުރާނެ ފުރުސަތު ނުދިނުމުން އެ ހުރިހާ ކެންޑިޑޭޓުންނަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކާމިޔާބު ކުރި ކެންޑިޑޭޓުންނެވެ. ޕާޓީގެ ހައިސިއްޔަތި އޮތީ ވެރިކަން ކުރާ ނަވާޒް ޝަރީފް ޕާޓީއާއި ބުއްޓޫގެ ޕާޓީއަށެވެ. އެ ދެޕާޓީ ބައިވެރިވެ މިހާރު ދަނީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ހަބަރުތައް ބުނާގޮތުން، އިމްރާންގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުންނަށް ޕާޓީއެއްގެ ހައިސިއްޔަތު ނެތުމުން އެމީހުން ދެމި ތިބޭނީ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައެވެ.