މިއަދު ގއ. ކޫއްޑޫގައި މަސްވެރިންކުރަމުންދާ މުޒާހަރާއާ ގުޅިގެން މަސްވެރިންނާ ބައްދަލުކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ރަށަަށް ދިއުމަށް ދަތުރުކުރައްވަން ފައްޓަވައިފިއެވެ.
މިއަދު އެ ރަށުގައި މަސްވެރިން އިހުތިޖާޖުކުރަމުންދަނީ ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުން އެމީހުންގެ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށް ބުނެއެވެ.
އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މަސްވެރިން މި ވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މި ވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެ ބާރަށް ހައްލުކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށެވެ. އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހައްގުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މިނިސްޓަރު ވަނީ މަރުހަބާ ކިޔާފައެވެ.
ކޫއްޑުގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއްކަން ފާހަގަކުރައްވާ އެ މާހައުލު ގާއިމުކޮށްދެއްވުމަށް މިވަގުތު އިހުތިޖާޖުގައި ތިބި މަސްވެރިންގެ އަރިހުން ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 250 ވަރަކަށް މިލިޔަން ރުފިޔާ ނުދީ އޮއްވާ ކަމަށާއި މިހާރު ނުދެވިހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ. އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ރުފިޔާ ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މި ހަފްތާ އެ ފައިސާ މިފްކޯއިން ހަމަޖައްސާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންގެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށާއި ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން ދަތުރުކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ދަތުރަކީ މަސްވެރިންނާ ބައްދަލުކުރެއްވުމަށް ކުއްލި ގޮތަކަށް އިންތިޒާމުކޮށްގެން ކުރައްވަމުންގެންދަވާ ދަތުރެއްކަން ވަނީ އެނގިފައެވެ.
މި އިހުތިޖާޖުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައިވެސް މިހާރު ދައުރުވަމުން ދާއިރު އެކަމާ ގުޅިގެން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުން އެމީހުންގެ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މަސްވެރިން ކޫއްޑޫގެ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލަމުންދެއެވެ. އަދި އެމީހުން ކައިރި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެމީހުންނަށް ނުލިބި ހުރި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށެވެ.
މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމުން މީގެ ކުރިންވެސް މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ. އަދި އެފަދަ މީހުންގެ ކަންބޮޑުވުންތައް އައްސަވާ، ރައީސް ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އާންމު ޒަރޫރީ ބޭނުންތައް ކަމަށްވާ ކަރަންޓާއި އިންޓަނެޓްގެ އިތުރުން ބޭންކް އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.