1.5 މިލިއަން މީހުން ތާށިވެފައި ތިބި ރަފާއަށް އިޒްރޭލް އަރާތީ، އާންމުން ސަލާމަތް ކުރެވޭނެ ގޮތެއް ނުބުނެ ނޭރުމަށް ގޮވަމުން ބޮމާއި މިސައިލްގެ ބޮޑު ޝިޕްމަންޓެއް އެމެރިކާއިން އިޒްރޭލަށް ފޮނުވައިފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މެދުިއިރުމައްޗަށް ގިނަ ދަތުރުތަކެއް ކުރައްވައި، އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރެވޭތޯ މަސައްކަތް ކުރަމުން، ރަފާގެ އާންމުންގެ ސަލާމަތަށް އޮތް ސިޔާސަތު ހާމަ ކޮށްދޭން ބުނަމުން ދެއެވެ. އަނެއް ކޮޅުން އެމެރިކާއިން ކުރަމުން ދާ ކަމަކީ ކޮންގްރެސް މެދުވެރިކޮށް މާލީ ބޮޑެތި އެހީތެރިކަން ދޭނެ ޕެކޭޖްތައް ފާސްކޮށް ހައިޔާރުގެ ބޮޑެތި ޝިޕްމަންޓުތައް ފޮނުވުމެވެ. އެގޮތުން ދާދި ފަހުން ކޮންގްރެސް އިން ވަނީ 14.1 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ފާސްކޮށް އިތުރު ބޮމާއއި މިސައިލް އަދި އެހެނިހެން ހަތިޔާރުގެ ބޮޑު ޝިޕްމަންޓެއް އިޒްރޭލަށް ފޮނުވާފައެވެ.

ގާޒާގައި ތިބި އެންމެންހެން ފަހާ ގެންގޮސް ރަފާއަށް ވައްދާ އެތަން ތޮއްޖެއްސުމަށް ފަހު އެތަނަށް އަރައިގަންނަން އިޒްރޭލުން ތައްޔާރުވަމުން އަންނާތީ، އާންމުން ބިރުން ރަފާ ދޫކޮށް ދާން ވަނީ ފަށާފައެވެ. ބައެއް މީހުން ކައިރީގައި އޮންނަ ކުދިކުދި ރެފިއުޖީ ކޭމްޕްތަކަށް ދާން ދަތުރު ފަށާފައި ވާ އިރު، އިޒްރޭލުން މިހާރު ވަނީ ރަފާ ވަށާލައި ވަށައިގެން ހުރި ތަންތަން ހިސޯރު ކޮށްފައެވެ. އަދި މި ހާލަތުގައި ރަފާގެ އެކިއެކި ތަންތަނަށް ވެސް ބޮން އަޅަމުން ގެންދާ އިރު ފާއިތުވި 24 ގަޑިއުރުގެ ތެރޭގައި ވަނީ 83 މީހަކު ޝަހީދު ވެފައެވެ.

އިޒްރޭލު ހުއްޓުވުމުގައި ދުނިޔެ ނުކުޅެދިފައި ވާ އިރު އަލްޖީރިއާ އިން އިސް ނަގައިގެން އދ ގެ ސަލާމަތީ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. ގާޒާގައި އިޒްރޭލުން ހިންގާ އުދުވާން ވަގުތުން ހުއްޓާލުމަށް ގޮވާލައި އެ ގަރާރާ ގުޅިގެން އެމެރިކާއިން ބުނެފައި ވަނީ ވީޓޯ ކުރާނެ [ބޭރުކޮށްލުން] ކަމަށާއި އެއީ ބަލައިގަންނާނެ ގަރާރެއް ނޫން ކަމަށެވެ.

އިޒްރޭލު ހުއްޓުވުމަށް ހުރަސް އެޅިފައިވާ ހަމައެކަނި ސަބަބަކީ މިވަގުތު އެމެރިކާއެވެ. އެމެރިކާ އާއި އިޒްރޭލުގެ ރަހުމަތްތެރިންގެ ގޮތުގައި ތިބި ފްރާންސް، ކެނެޑާ، އޮސްޓްރޭލިއާ ފަދަ ގައުމުތަކުންވެސް މިހާރު ބާރު އަޅަނީ ހަމަލާތައް ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. އެންމެ ފަހާ ޖެހެންދެން އިޒްރޭލާއި އެމެރިކާއާ އެއްކޮޅަށް ވާހަކަ ދައްކަމުން ގެންދިޔަ ޖަރުމަނުންވެސް މިހާރު ބުނެފައި ވަނީ އިންސާނީ އެހީ ފޯރުކޮށް ދިނުމަށެވެ. ޖަރުމަނުން މީގެ ކުރިން އެ ރާގުގައި ވާހަކަ ދައްކާފައި ނުވާ އިރު އަބަދުވެސް ބުނަމުން ގެންގޮސްފައި ވަނީ، އިޒްރޭލަށް ތާއިދު ކުރަން ޖެހޭ ކަމަށާއި އަމިއްލަ ދިފާއުގައި އިޒްރޭލު ބޭނުން ކޮންމެ ކަމެއް ކުރުމަށް ތާއީދު ކުރާކަމަށެވެ.

ގާޒާގައި ތިބި ރައްޔިތުން ކާބޯތަކެއްޗާއި ބޯފެނާއި ބޭހަށް ޖެހި ޑަސްބިންތައް ހޮވައިގެން ކާއެތިކޮޅެއް ލިބޭތޯ މަސައްކަތް ކުރަމުން ދާ އިރު މުޅި ގާޒާގައި ވަނީ އާންމު ބަލިމަޑުކަމެއް ފެތުރިފައެވެ. ބޭރަށް ހިންގުމާއި ހުމާއި، ހޮޑުލުމާއި އެނޫންވެސް ގައިން ގަޔަށް އަރާ ބަލިތަކާއި ގައިން ގަޔަށް ނާރާ ބަލިމަޑުކަމެއް ފެތުރި މުޅި ގާޒާ ހާސްކަމެއް ގައި އޮތް އިރު، އިޒްރޭލުން ބުނަމުން ދަނީ، ބޭހެއްވެސް، ކާއެއްޗެއްވެސް، ބޯފެނެއްވެސް ގާޒާއަށް ނުވެއްދޭނެ ކަމަށެވެ.

ދުނިޔޭގެ ލޯ ކުރިމަތީގައި އިންސާނީ ގަތުލުއާންމެއް ހިންގަމުން ގެންދާއިރު ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ ކަރުދާހަށްވެސް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހު އެއްބަހެއް ނުވިއެވެ. އޭނާ ބުނީ، އެއަށް އެއްބަސްވެއްޖެ ނަމަ އެއީ ހަމާސް އަށް ދެވޭ ލައިސަންސެއް ކަމަށާއި މަގުސަދު ހާސިލު ނުވަނީސް ހަނގުރާމަ ހުއްޓުމެއް ނެތް ކަމަށެވެ.