ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އިސްތިހާރުކޮށް މާކެޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މި އަހަރުގެ ތެރޭގައި މެލޭޝިއާގައި ހާއްސަ ހަރަކާތެއް ބާއްވަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ އެ މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބޭއްވި ކްރިއޭޓާސް ކޮންފްލުއެންސްގެ ފަހު ސެޝަންގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ މިއީ ދިވެހި ފަންނުވެރިންނަށް ބައިނަލްއަގްވާމީ މާކެޓުން ޖާގަ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއް ކަމަށާއި ފަންނުވެރިންނަށް ހާއްސަ އެކްސްޕޯއެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިއީ ފަންނުވެރިންގެ ހުނަރާއި މަސައްކަތްތެރިކަން ވާދަވެރި މާހައުލެއްގައި ދައްކާލެވޭނެ އެކްސްޕޯއަކަށް ވެގެންދާނެ ކަމަށާއި މިފަދަ އިތުރު އެކްސްޕޯތައް ވެސް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ފަންނުވެރިންނަށް ބައިނަލްއަގްވާމީ މައިދާނުގައި ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ނިންމާފައިވާއިރު އެގޮތުން ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ކުރެވޭ ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގު ފަހިކޮށްދިމާއި ފަންނުވެރިންނަށް ހަރަކާތްތެރި ވެވޭނެ ފަހި ވެއްޓެއް ގާއިމް ކޮށްދެއްވުން ވެސް ހިމެނެއެވެ.
ބީސީސީއިން ކުރިއަށް ގެންދިޔަ ކްރިއޭޓަރސް ކޮންފުލުއެންސަކީ ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގުތިސޯދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމާއި ބީސީސީން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ "ކްރިއޭޓާ ހަބް"ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް ބޭއްވި ބައްދަލުވުމެކެވެ.