ގެދޮރުވެރިކަމުގެ އެކިއެކި މަސައްކަތްތަކުގައި އިސްރަށްވެހިންނަށާއި ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ގާއިިމްކުރި އިސްރަށްވެހިންގެ މަރުކަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިސްރަށްވެހިން ހިމެނޭ ގޮތަށް މުޖުތަމައުގަައި ހަވާސާކުރެވިފައިވާ ހުރިހާ ފަރާތްތަކަށް އިސްކަންދީގެން މަސައްކަތް ކުރުމަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ މެންޑޭޓުގައި ވެސް އޮތް ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހައުސިންގެ އެކިއެކި ފަންތިތަކާ ގިންތިތައް ކަނޑައެޅުމަށް ހާއްސަ ބިލެއް އެކުލަވާލެވިފައިވާ ކަމަށާއި އެ ބިލް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މަރުކަޒުތައް ވެސް މިހާތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި ކަމަށާއި އެތަންތަނަށް ދަައުލަތުގެ ބަޖެޓުން ހަރަދުކުރީ ވެސް ވަރަށް ކުޑައެއްޗެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެންވެސް ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއްދީގެން މުޖުތަމައު ބިނާ ކުރުމުގައި އެފަދަ ހުރިހާ ފަރާތްތަކެއްވެސް ބައިވެރި ކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވަނީ އިސްރަށްވެހިންގެ މަރުކަޒުން ޒުވާނުންނަށާއި އެ ނޫންވެސް އެކި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހުރިހާ ކަމެއްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރަށްވެހިންނަށް އިސްރަށްވެހިންގެ ބަސް އިއްވުމުގެ ފުރުސަތު ދޭނޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިއާ އެކު "ހަފުތާ 14" ގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ވައުދެއް ފުދިގެންދާނެ ކަމަށެވެ.