ކަސްރަތާއި ކުރު މުއްދަތުގެ ކޯސްތައް ހިމެނޭ ގޮތަށް އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު މިއަދު ހުޅުވާނެ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.

އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީން ކޮށްދިނުމަށްޓަކައި ތަފާތު ހިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވަރަށް މުހިއްމު ވައުދުފުޅެކެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ މުޖުތަމައުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި އެ ފަރާތްތަކުގެ ސިއްހީއާއި ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން މިއަދު 'އިސްރަށްވެހިންގެ ނާދީ' ގެ ނަމުގައި މާލޭ ސިޓީގައި އިސްރަށްވެހިންނަށް ހާއްސަކުރެވިގެން މިފަދަ ފުރަތަމަ އިޖުތިމާއީ މަރުކަޒު ހުޅުވިގެންދާނެ ކަމަށެވެ.

އެ މަރުކަޒުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ބެހޭ ވުޒާރާއިން ހަފްތާއަކު ތިން ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގުން ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމާއި ޗެސްއާއި ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި މީގެ އިތުރުން އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

ޔޫތު މިނިސްޓްރީއިން ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްގީ ކުރުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ހައިޑްރޯ ތެރެޕީއާއި އިށީންދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗްގެ ފަރާތުން އެ މަރުކަޒުގައި ހިންގުމަށް ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ މީގެ އިތުރުން އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ގާއިމް ކުރެވިފައިވާނެ ކަމަށާއި 'އޭޖްކެއާ މޯލްޑިވްސް' ގެ ފަރާތުން ކޮންމެ ތިން މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ހިޔާލުފާޅުކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިން ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ އެކިއެކި ވުޒާރާ ތަކުންނާއި އެސޯސިއޭޝަންތަކުން އިސްރަށްވެހިންގެ ނާދީގައި ތަފާތު ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު އެ ހިދުމަތްތަކުގެ ސަބަބުން "އިސްރަށްވެހިންގެ ނާދީ" އަކީ ރައްޔިތުންނަށް ބޭނުންތެރި ހިދުމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދިއުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށާއި އެ މަރުކަޒު ހުޅުވިގެންދިޔުން ވާނީ އިސްރަށްވެހިންނަށްޓަކައި މުހިންމު އަދި އެހާމެ ފައިދާކުރުވަނިވި ކަމަކަށް ކަމަށެވެ.