އިންޑޯ ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އެގައުމުގެ ޑެޕިއުޓީ ސެކްރެޓަރީ ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗާޑް އާރު. ވަރުމާ، ރާއްޖެއާއި އިންޑިއާ އަދި ލަންކާއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.
މާދަމާ އިން ފެށިގެން 23 ގެ ނިލަޔަށް އޭނާ ކުރައްވާ ދަތުރުގައި، ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުންނާއި އިގްތިސޯދީ ދާއިރާއިން ގުޅުންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ސްޓޭޑް ޑިޕާޓްމަންޓުން މިވާހަކަ އާންމު ކޮށްފައި ވީ ނަމަވެސް ދިވެހި ސަރުކާރުން މިފަދަ އެއްވެސް ވާހަކައެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.
ވަރުމާގެ މިދަތުގައި ފުރަތަމަ ވަޑައިގަންނަވާނީ އިންޑިއާ އަށެވެ. އިންޑިއާ އަށް ވަޑައިގެން އެގައުމުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުމުގެ އިތުރުން އިންޑިއާ އާއި އެމެރިކާގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އިންޑިއާ އަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު، ރާއްޖޭގައި އެމެރިކާގެ އެމްބަސީ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ވެސް އޭނާ ބައްލަވާލައްވާނެ ކަމަށް ސްޓޭޓް ޑިޕާޓުމަންޓުން ބުނެއެވެ. އެމެރިކާއިން ރާއްޖޭގައި އެމްބަސީ ގާއިމު ކުރެވުމުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއެކު ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރަށް ކައިރި ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާގެ ފަހު މަންޒިލަކަށް ލަންކާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާ އިރު، އެގައުމުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި ލަންކާ – އެމެރިކާގެ އަސްކަރީ ގުޅުންތައް އިތުރަށް ހަރުދަނާ ކޮށް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެެވެ.
މި ދަތުރުގައި ޗައިނާއިން ލަންކާގައި ހަދާފައި ވާ ޕޯޓުގައި ހިމެނޭ ވެސްޓް ކޮންޓެއިނާ ޓާމިނަލަށް ވަޑައިގެން އެތަން ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ. ލަންކާގެ ޕޯޓް ތަރައްގީ ކުރީ ޗައިނާ އިން ނަމަވެސް ލަންކާއިން އެތަން ހިންގަނީ އެކިއެކި އިންވެސްޓަރުންނަށް އަދި ގައުމުތަކަށް ވަކިވަކި ޓާމިނަލް ކުށްޔަށް ދީގެން ހިންގާ ވިޔަފާރި މޮޑަލް އަކަށެވެ. ޖުމްލަ 8 ޓާމިނަލެއް ހިމެނޭ އިރު އެ 8 ޓާމިނަލަކީ ވަކިވަކިން އޮޕަރޭޓް ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައި ވާ ޓާމިނަލްތަކެކެވެ.
ލަންކާއަށް ދިމާވެފައި ވާ މާލީ ދަތިކަމުން އަރައިގަތުމަށް އެމެރިކާއިން 533 މިލިއަން ޑޮލަރުގެ އެހީ ދެމުން ގެންދާ އިރު، އެމެރިކާއިން ބުނަނީ އެއީ މި ސަރަހައްދުގެ ވިޔަފާރީގެ ހަބަކަށް ލަންކާ ބަދަލުކުރުމަށް ހިންގާ މަޝްރޫއަށް ދެމުން ގެންދާ އެހީތެރިކަމެއް ކަމަށެވެ.
އޭނާ ލަންކާގައި ހުންނަވާ އިރު އެގައުމުގެ ސިވިލް ސޮސައިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި ލަންކާގެ ޑިމިގްރާތީ ހާލަތާއި ކަންކަން ކުރިއަށް ދާ ގޮތާ ބެހޭގޮތުން އެމީހުންގެ ހިޔާލާއި މަޝްވަރާވެސް އައްސަވާނެ ކަމަށް ސްޓޭޓް ޑިޕާޓުމަންޓުން ބުނެއެވެ.
ސްޓޭޑް ޑިޕާޓްމަންޓުގެ އިތުރު ވެރިއަކު ރާއްޖެއަށް ވަޑައިގަންނަވާ އިރު ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި ވެސް އިސް 2 އޮފިޝަލަކު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް، ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
އެމެރިކާގެ އިސް އޮފިޝަލުން ރާއްޖެ އާއި އިންޑިއާ އަދި ލަންކާއަށް ކުރައްވާ ދަތުރުތައް ގިނަ ކުރައްވާފައި ވާ މި ދުވަސް ވަރަކީ، އިންޑިއާ އާއި ރާއްޖެ އާ ދެމެދު ސިޔާސީ ނުތަނަވަސްކަން އުފެދި، ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވެފައި ވާ ދުވަސް ވަރެކެވެ.
ދުނިޔޭގެ ސިޔާސީ މަޝްރަހު ތަރުތީބުވެފައި އޮތް ގޮތުން އިންޑޯ ޕެސިފިކް ހިމެނޭހެން ދުނިޔޭގެ އެކި ބައްރުތަކަށް ޗައިނާގެ ނުފޫޒު ފެތުރި ބާރުގަދަވެގެން ދިޔުމަކީ އެމެރިކާ ރުހޭ ކަމެއް ނޫނެވެ. އެހެން ކަމުން މި ސަރަހައްދު [އިންޑޯ ޕެސިފިކާއި، އޭސިއާ ޕެސިފިކް] ހިމެނޭހެން އެމެރިކާއިން ގެންދަނީ އެ ސަރަހައްދުތަކަށް ނިސްބަތްވާ އެކިއެކި ގައުމުތަކާ ގުޅުން ބަދަހި ކޮށް އެކިއެކި ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެމެރިކާއިން ބުނާ ގޮތުގައި، މިސަރަހައްދުގައި އެމެރިކާގެ އެންމެ ގާތް ބައިވެރިއަކީ އިންޑިއާ އެވެ. އިންޑިއާ އަކީ ޗައިނާ އާ ވާދަކުރަމުން ގެންދާ ގައުމަކަށް ވާއިރު، އެކިއެކި ދާއިރާތަކުން އިންޑިއާއަށް މަދަދާއި އެހީތެރިން ދިނުމަކީ އެމެރިކާގެ އިސްތިރާޖީ މުހިންމު ނިންމުމެކެވެ.