2.3 މިލިއަން އާބާދީގެ ގާޒާގައި މިހާރު ދުނިޔޭގައި ތިބި މީހުންގެ ތެރެއިން 1.5 މިލިއަން މީހުން ތާށިވެފައި ތިބި ރަފާއަށް އިޒްރޭލުން އަރައިފިނަމަ, އެމީހުން ސަލާމަތްވާން ގޮސް މިސްރަށް ވަންނާނެތީ ބޯޑަރުގައި ފާރެއް ހަދަން ފަށައިފިއެވެ.
އަލްޖަޒީރާއިން އާންމު ކުރި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ގާޒާ އާއި މިސްރު އިންވާ ބޯޑަރުގައި ފާރެއް ހެދެމުގެ މަސައްކަތް މިސްރުން ގެންދަނީ ބާރަށް ކުރަމުންނެވެ.
ހަނގުރާމަ ފެށި އިރު މިސްރާއި އުރުދުން އިން ބުނެފައި ވަނީ ގާޒާ ދޫކޮށް ސަލާމަތް ވާން ނުކުންނަ މީހުން އެ ދެގައުމަށް ނުވައްދާނެ ކަމަށެވެ. މިހާރުވެސް އެ ދެގައުމުގައި ގިނަ އަދަދެއްގެ ރެފިއުޖީން ތިބި އިރު, އެމީހުންނަކީ އިޒްރޭލުން މީގެ ކުރިން ހިންގި އެތައް އުދުވާނަކާ ހުރެ ފުރާނަ ސަލާމަތް ކޮށްގެން ގޮސްތިބި މީހުންނެވެ. އެމީހުން އޭރު ފަލަސްތީނުން ނުކުތް ފަހުން އަނބުރާ ގާޒާއަށް ވަނުމުގެ ހުއްދަ އިޒްރޭލުން ދީފައެއް ނުވެއެވެ.
މިސްރުން ބުނަނީ މިހާރު ރަފާގައި ތިބި މީހުންވެސް މިސްރަށް ވަދެއްޖެ ނަމަ އެމީހުން އަނބުރާ ގާޒާއަށް ދިޔުމުގެ ފުރުސަތު އިޒްރޭލުން ނުދީފާނެ ކަމަށާއި އެހެން ކަމުން އެމީހުންގެ ވަޒަނުން ފައްސާލެވެން ފުރުސަތު ނުދޭނެ ކަމަށެވެ. އުރުދުންވެސް ބުނެފައި ވަނީ ހަމަ އެފަދަ ވާހަކަ އެކެވެ.
މިހާރުވެސް ގާޒާ އާއި މިސްރު ގުޅޭ މައި ގޭޓު ކޮންޓްރޯލް ކުރަނީ އިޒްރޭލުން ކަމަށް ވާއިރު, ކާއެއްޗެއްވެސް އަދި ބޯއެއްޗެއް ވެސް ބޭހެއް ވެސް ވެއްދެނީ އިޒްރޭލުން ބަލައި ފާސްކޮށް ހުއްދަ ދިނީމައެވެ.
މިސްރުން ބޯޑަރުގައި ބޮޑު ފާރެއް ހަދަމުން ގެންދާއިރު, އިޒްރޭލުން ރަފާ އަށް އަރާނެ ކަމަށް ބުނެފައި ވާ މައްސަލައިގައި މިސްރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް އިޒްރޭލަށް ނަސޭހަތްތެރިވެފައެވެ. މިސްރަކީ އިޒްރޭލާ އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމު ކުރި އަރަބި ގައުމަށް ވާއިރު, ރަފާއަށް އެރުމުގެ މައްސަލަ މިވަގުތާ ހަމައަށް މަޑުޖެހިފައި އޮތީ އެކަމުގައި މިސްރު ނުރުހޭކަން ހާމަ ކުރަމުން ގެންދާތީއެވެ.
މިސްރުން މި ފާރު ހަދަމުން ދާ އިރު އެންމެ ގޯސްވާ ހާލަތެއްގައި ރަފާއިން ފައިބާ މީހުން ބޯޑަރު ހުރަސްކޮށް ވަނަސް އެމީހުނަށް އެހީތެރިން ދެވޭނެ އިންތިޒާމުވެސް މިސްރުން ގެންދަނީ ބޯޑަރުގައި ގާއިމު ކުރަމުންނެވެ. އެގޮތުން ސައިނާ ގެ ސަހަރާގެ ތެރޭގައި ބޯޑަރުގެ ފަހަތުގައި ގާތްގަނޑަކަށް 100,000 މީހުންނަށް ބޯހިޔާވަހިކަން ދެވޭނެ ގޮތަށް ޓެންޓް ޖެހުމުގެ މަސައްކަތް އެބަ ކުރެއެވެ. އެ ތަން ތައްޔާރު ކުރަނީ މިސްރުގެ އާންމުން އުޅޭ ހިސާބާ ދުރުގައި ބޯޑަރާއި އިންވާނެހެން ފާރު ހަދާ ވަކިކޮށްލައިފައި އޮންނަ ބްލޮކެއްގެ ގޮތަށެވެ.
ގާތްގަނޑަކަށް 8 ސްކެއާ މޭލު ނުވަތަ 21 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއްގެ ބިން ސާފުކޮށް ތައްޔާރު ކުރަމުން ގެންދާ އިރު މިސްރުން ސައިނާގެ އުތުރަށް ކަނޑައަޅާފައި ހުންނަ ގަވަރުނަރު މުހައްމަދު އަބްދުލްފާދިލް ޝައުޝާ ވަނީ އެއީ ރަފާއިން ފައިބާ މީހުންނަށް ހަދާ ތަނެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. ނަމަވެސް އެހީގެ މަސައްކަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ސައިނާ ފައުންޑޭޝަނުން ބުނީ އެތާނގައި ޓެންޓް ޖަހާ ތައްޔާރު ވަނީ އެހާލަތަށް ކަމަށާއި ވަށާ ހަދަމުން ދާ ފާރުގެ އުސްމިނުގައި 23 ފޫޓު އެބަހުރި ކަމަށެވެ.
އިޒްރޭލުގެ އަމާޒަކީ މުޅި ގާޒާ ހުއްސްކޮށްލުން ކަމަށް ވާ އިރު 1948 ގައި ގެނައި ނަކްބާ ގަތުލުއާންމުގައި ވެސް އިޒްރޭލުން ވަނީ ޕަލަސްތީނުން 750,000 މީހުން ބޭރު ކޮށްލާފައެވެ. އެމީހުނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުސަތު އަދިއަދަށް ދާންވެސް އިޒްރޭލުން ދީފައެއް ނުވެއެވެ.
މިސުރުވެސް ވަނީ އަމިއްލަ ރައްޔިތުން 2 ބައި ވެގެން ސިޔާސީ އަނދަވަޅެއްގައި....