ދޮށި އުކައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް މިޔަރެއް ދަތް އެޅި މީހެއްގެ ހާލު ސީރިއަސް ވެގެން ސިއްހީ އަވަސް ފަރުވާ އަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، ރ. އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަން ކުރަމުންދިޔަ "ރިހިވެލި" ނަމަކަށް ކިޔާ ޑިންގީ ލޯންޗެއްގައި ހުރި ފަޅުވެރިއެއް ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އެޅުމުން ކަމަށް މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

ޒަހަމްވެ ހާލު ދެރަވި މީހާއަށް ސިއްހީ އަވަސް ފަރުވާ ބޭނުންވާތީ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އިރުއޮއްސުނު ފަހުން ހަބަރު ލިބުނު ކަމަށާއި އެއާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާސް "033 ލޯންޗު" އިން އެމީހާ އުނގޫފާރަށް ގެންގޮސްފައި ވާ ކަމަށެވެ.

އޭނާ އުނގޫފާރަށް ގެންދެވުނީ މިރޭ 19:42 ހާއިރު ކަމަަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި މިޔަރު ހިފުމާއި ބޭނުން މަނާކޮށްފައި ވާ އިރު، މަސްވެރިކަމުގައި އުޅެމުންދާ ފަރާތްތަކަށާއި ޑައިވިންގައި އުޅޭ ފަރާތްތަކަށް މިޔަރު ހަމަލާ ދޭ މައްސަލަތައް މިފަހުން އަންނަނީ ގިނަ ވަމުންނެވެ. އެގޮތުން މަސް ބާނައި ދޯންޏަށް ލާން އުޅުމުގެ ތެރޭގައި އަޑިން މިޔަރު އަރައި މަސް ކާލައިގެން ގޮސްފައި ވާ ކިތަންމެ ހާދިސާ އަކާއި، މަސް ގަނެގެން ނަނު ދަމަދަމާ އޮއްވާ މިޔަރު އަރާ މަސް ކާލައިގެން ދާ ހާދިސާތައް ވެސް މިފަހުން ވަނީ ފެންމަތިވެފަައެވެ.

ދާދި ފަހުން ހުޅުމާލޭ ފަޅުތެރޭގައި ވާގަނޑެއް އޮޅި ހައްޔަރު ވެފައި އޮތް މިޔަރެއް ސަލާމަތް ކުރަން އުޅުނު ޑައިވަރުންތަކަށް އެ މިޔަރު ހަމަލާ ދޭ ވީޑިއޯއެއް ވެސް އާންމު ވިއެވެ.