ރާއްޖޭގައި ކަށިމިޔަރު ހިފުމަށާ، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް މި މަހުގެ 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމާފައެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ކަނޑައަޅައި، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު ވަނީ އާންމުކޮށްފައެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
މި ގަރާރުގައި އައްބާސް ވިދާޅުވީ ކަށި މިޔަރުގެ އާއިލާގެ ހުރިހާ ބާވަތްތަކަކީ ލަހުން ހެދި ބޮޑުވާ، ލަހުން ދަރިމާވާ އަދި ވިހާ ފަހަރަކު މަދު އަދަދަކުން ވިހާ ބާވަތެއް ކަމަށެވެ. ކަނޑުގެ ނިޒާމުގައި މިޔަރުގެ ބާވަތްތައް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ މިޔަރުގެ ބާވަތްތައް، ކަނޑުގެ އެހެނިހެން ދިރުންތައް ކޮންޓްރޯލްކޮށް ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންކަމުން ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ ދަށްވާނެ ކަމަށް އައްބާސް ވިދާޅުވިއެެވެ.
މީގެ އިތުރުން މި ގަރާރުގައިވަނީ މަސްމަހާމެހީގެ އާބާދީއަށް ބަދަލު އައިސް ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތުގައި މަސްވެރިކަމަށް އަސަރުކުރާނެ ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދިރޭ މިޔަރަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފިނަމަ، ފައިދާއަށް ވުރެ ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް އައްބާސް ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ އެކި ޖަމިއްޔާތަކާ، ތިމާވެށީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންވެސް ރާއްޖެއަށް އަމާޒުވަމުންދާކަން މި ގަރާރުގައި ވަނީ ބުނެފައެވެ. އަދި މު ކަންކަމުގެ ސަބަބުން ރާއްޖޭގެ ބްރޭޑަށް ގެއްލުން ލިބެމުންދާކަން ފާހަގަކޮށް މި ގަރާރުގައި ވަނީ މިޔަރުގެ ބާވަތްތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށްވެސް އުނިކަން އައިސް، ރާއްޖެ ބަދުނާމުވަމުންދާ ކަމަށެވެ.
