މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މާދަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލީހުގެ އިންތިހާބަށް، ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުނެގުން މާދަން މެންދުރުފަހު 02:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގުރުއަތުލުން ކުރިއަށް ދާނީ ދަރުބާރުގޭގައެވެ.

މީގެއިތުރުން ހަބީބް ވިދާޅުވީ ގުރުއަތު ނެގުމަށް ކެންޑިޑޭޓަކަށް ނާދެވިއްޖެ ހާލަތެއްގައި ކެންޑިޑޭޓުގެ ސިޓީއާ އެކު އެހެން މީހަކު ފޮނުވުމުން ގުރުއަތު ނެގުމުގައި ބައިވެރި ވެވޭނެ ކަމަށެވެ.

އަދި ގުރުއަތު ލުމުގައި ކެންޑިޑޭޓު ނުވަތަ ބަދަލުގައިވެސް އިތުރު މީހަކު ބައިވެރި ނުވެއްޖެނަމަ ދެން އެ ގުރު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށެވެ.

ހަބީބް އިތުރަށް ވިދާޅުވީ ގުރުއަތު ނަގާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ އެ މީހަކު އަންނަންދެން ގުރުއަތުލުން ފަސް ނުކުރެވޭނެ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް 381 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އީސީއިން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.