ކ. މާފުށީގައި މިއަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒި ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ކ.މާފުށީ، ޖަންބުމާގޭ، އަހުމަދު ސަމީރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ސަމީރު ރައީސްއާ ކުރެއްވި ސުވާލުތަކަކީ މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓޭނީ ކޮން އިރަކުންތޯ އާއި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނީ ކޮން ތާރީހެއްގަތޯއެވެ. އަދި ހަމައެހެންމެ ޑޮލަރު ލިބުމުގާ މިހާރު ހުރި ތާށިކަމަށް ހައްލެއް ލިބިގެންދާނީ ކޮންއިރަކުތޯވެސް ސަމީރު ސުވާލު ކޮށްފައި ވެއެވެ.

ސަމީރު ކުރެއްވީ ވަރަށް މުހިންމު ސުވާލުތަކެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މި އަހަރުތެރޭ ޑޮލަރު އޭޓީއެމްއެއް ބަހައްޓާ ދެއްވާނެ ކަމަށެވެ.

އަދި ހަމަ އެހެންމެ ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަށާއި ނަމަވެސް އެކަމަށް ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވެރިކަމުގެ އެންމެ ފަހު އަހަރަށް މަޝްރޫއުތައް މަޑު ނުޖައްސާ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ވީ އެންމެ އަވަހަށް ހުރިހާ ކަމެއް ވެސް ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އަދި ޑޮލަރު މައްސަލައަކީ އިގްތިސޯދީ ގޮތުން އިސްލާހުތައް ގެންނަންޖެހޭ މައްސަލައެއް ކަމަށާއި ކުރިއަށް ހުރި ބޮޑެތި މަޝްރޫއުތައް ފަށާ އިތުރު އިންވެސްޓްމެންޓްތައް ލިބެން ފެށީމައި އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ޑޮލަރުގެ ތާށިކަން އެއީ އިގްތިސޯދީ ގޮތުން ގެންނަން ޖެހޭ އިސްލާހުތަކެއް ގެނެވުނީމައި އެކްސްޕޭންޝަން ފުޅާވީމަ އަންނާނެ ކަަމެއް. ބިޔަބޮޑެތި މަޝްރޫއުތައް އަންނަން ފެށީމައި އަދި އިންވެސްޓްމެންޓްތައް ގިނަވާން ފެށީމައި ޑޮލަރު ތިޔާގި ވާނެ" ރައީސް ވިދާޅުވިއެވެ.

ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ. އަތޮޅު މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެކަން އިއުލާން ކުރެއްވީ މިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރެއިންނެވެ. މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ހުންނާނެ ރަށަކީ މާފުށިކަމަށް ހައްދަވާދެއްވާނެ ކަމަށް ރައީސް އޭރު ވިދާޅުވެފައި ވެއެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ރައްޔިތުން އެދޭ ގޮތަށް މާފުއްޓަށް ބިން އިތުރު ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.